އެމްޑީޕީން ގާނޫނު އަސާސީ އާއި ހިލާފަށް ކޮށްފައި ހުރި ކަންކަމަށް ޖަވާބުދާރީ ވާން ޖެހޭނެ ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވެފައިމިވަނީ، ކުރީ ސަރުކާރުން ދައުލަތުގެ ހިސާބުތައް ބެލެހެއްޓުމުގައި ގޯސްތަކެއް ހަދާފައިވާ މައްސަލައަށް އިޝާރާތް ކުރައްވަމުންނެވެ.

މިކަމާ ގުޅޭ ގޮތުން ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާޙިމް އަމީރު ވިދާޅުވީ، މާލީ ހިސާބުތައް އޮޅުވާލީ ރައީސް އޮފީހުގެ ނުފޫޒުން ކަމަށެވެ.

އަދި މާލީ ހިސާބުތަކާއި މެދު ސަރުކާރުން ހަދަނީ ބުހުތާން ދޮގުކަމަށް ކަމަށް އޭނާ ވަނީ ތުހުމަތު ވެސް ކުރައްވައިފައެވެ.

މިކަމަށް ރައްދުދެއްވައި މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނައިބު ރައީސް ވިދާޅުވީ، މިއަދު ފެންނަނީ އެމްޑީޕީގެ ސުޕަރ މެޖޯރިޓީ ބޭނުންކޮށްގެން ނަހަމަ ގޮތުގައި ކުރަމުންދިޔަ ކަންކަން ފަސްއަޅައި ފޮރުވުމުގެ ނަތީޖާ ކަމަށެވެ.

އެގޮތުން ކޮވިޑް-19ގެ އާލަމީ ވަބާގައި ދިވެހި ދައުލަތަށް ލިބުނު އެހީތައް ވެސް މި ބީދައިން ފޮރުވައިފައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ނައިބު ރައީސް އިތުރަށް ވިދާޅުވީ ގާނޫނު އަސަސީއާ ހިލާފަށް ކޮށްފައިވާ ކަންކަމަށް އެމްޑީޕީން ފުރިހަމައަށް ޖަވާބުދާރީ ވާން ޖެހޭނެ ކަމަށެވެ.