ކުރީ ސަރުކާރުން ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނާ ހިލާފަށް ކުރި ކަންކަން ބަލަންޖެހޭ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝިޔާމް މިހެން ވިދާޅުވީ، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މިނިސްޓަރު ވިދާޅުވީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އޭރު އިދިކޮޅުގައި ތިބެ އެންމެ ބޮޑަށް ދެއްކި ވާހަކައަކީ މިއީ ކަމަށާއި، މާލިއްޔަތު ގާނޫނާ އަދި ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނާ ހިލާފަށް އޭރުގެ ސަރުކާރުން ދިޔައީ ތަނެއް ދޮރެއް ނުބަލާ ހަރަދުކޮށް އެތައް ގުނައެއް އަގުބޮޑުކޮށް ޕްރޮޖެކްޓުތައް ގާތް އެކުވެރިންނަށްދީ ބޮޑެތި އަދަދުތަކުން ބަދަލުދެމުން ކަމަށެވެ.
”ސަޕްލިމެންޓަރީ ބަޖެޓް ކޮންމެ އަހަރެއްގެ ބަޖެޓުގެ ބަނޑުދޮށަށްލައިގެން މަޖިލީހަށް ގެނަސް ފާސްކުރާއިރު އޮންނަނީ މާކުރިން އެ ހަރަދުކޮށްފައި. ހިސާބުތައް ދިމާނުވާ ވާހަކަ އަޅުގަނޑުމެން ދެއްކީ ނުހަނު ކަންބޮޑުވުމާއިއެކު،“ ޝިޔާމް ވިދާޅުވިއެވެ.
މިއީ އެއްވެސް ހާލެއްގައި އަޅާނުލާ ދޫކޮށްލާވަރަށް ވުރެ މާ ސީރިއަސް ކަމެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވަނީ ގައުމުގެ މުސްތަގުބަލަށްޓަކައި ވެސް މިކަންކަން ބަލަންޖެހޭ ކަމަށް ވިދާޅުވެފައެވެ.

