ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް ދައްކަން ޖެހޭ ފައިސާއެއް ނުދައްކާ ހުރި ނަމަ، އެ ފަރާތެއްގެ މައުލޫމާތު ހާމަކުރަން އެ ކޯޕަރޭޝަނުން ނިންމައިފިއެވެ.
އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ ވިޔަފާރި އުސޫލުން ދެމުން އަންނަ ހިދުމަތްތަކާއި ދޫކޮށްފައިވާ ތަންތަނާއި ތަރައްގީ ކުރަމުން އަންނަ ތަންތަނަށް ފައިސާ ދައްކަން ޖެހި، ނުދައްކާ ހުރި ފަރާތްތަކުން އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް ފައިސާ ދައްކާ ހަލާސްކުރަން އެދޭ ކަމަށެވެ.
އެ މުއްދަތުގެ ތެރޭގައި ފައިސާ ދެއްކުމަށް އުޒުރުވެރިވާ ފަރާތްތަކަށް އިތުރު ނޯޓިސް ދޭނެ ކަމަށް އިއުލާނުގައިވެއެވެ.
އެ ނޯޓިހާ އެކު އެ ފަރާތްތަކުގެ މައުލޫމާތާއި ދައްކަން ޖެހޭ ފައިސާގެ ތަފްސީލުތައް ވެބްސައިޓްގައި ޝާއިއުކުރާނެ ކަމަށް ވެސް އެޗްޑީސީގެ އިއުލާނުގައި ބުންޏެވެ.
މިއީ އެ ކޯޕަރޭޝަނުގެ ހިންގުން ހަރުދަނާ ކުރުމަށްޓަކައި ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން އަޅާ ފިޔަވަޅެއް ކަމަށް އެޗްޑީސީން ބުންޏެވެ.

