ހުޅުމާލޭގެ ސެންޓްރަލް ޕާކު ސަރަހައްދުގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި މީހަކު މަރުވި މައްސަލައިގައި، ކާރު ދުއްވި މުހައްމަދު ވިސާމް ސިއްދީގުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ވިސާމްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީއަށް ފޮނުވާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގައި ކަމަށެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިދިޔަ ސެޕްޓެމްބަރު މަހުގެ ހަ ވަނަ ދުވަހުގެ ރޭ ދަންވަރު އެކްސިޑެންޓެއް ހިނގީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ސައިކަލެއްގައި ޖެހިގެންނެވެ.

މި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން ލ. އިސްދޫ، ބީޗްހައުސް، ހަސަން ސަމާހް (23އ) ނިޔާވެފައިވަނީ ލިބުނު ހުޅުމާލެ ހޮސްޕިޓަލުގައި، އޭނާއަށް ލިބުނު ޒަހަމްތަކަށް ފަރުވާ ދެމުން ދަނިކޮށެވެ.