ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނަށް ގެންނަ ބަދަލާއެކުގައި، ސިނގިރޭޓު ފޮއްޓަކުން، ދެވަނައަށް އެންމެ ބޮޑު ޓެކްސްއެއް ނަގާ ގައުމަކަށް ރާއްޖެ ވެގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު، އަދި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ދުންފަތުގެ ބާވަތްތަކުން ނަގާ ޓެކްސް ބޮޑުކުުރުމަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް މިއަދު ކުރެއްވި ބަހުސްގައި ނާޒިމް ވިދާޅުވީ ދުންފަތުން ނަގާ ޓެކްސް ބޮޑު ކުރެވުމާއެކުގައި ސިނގިރޭޓު ފޮއްޓަކުން ނަގާ ޓެކްސް 11 ޑޮލަރަށް ބޮޑު ވެގެންދާނެ ކަމަށެވެ.
”މިހާރު ސިނގިރޭޓު ފޮއްޓެއްގެ އަގު ބާޒާރުގައި ހުރީ 100 ރުފިޔާއަށް ކަމުގައިވާނަމަ، މި ޓެކްސްއާއެކު ސިނގިރޭޓު ފޮއްޓެއްގެ އަގު 250 ރުފިޔާއަށް ބަދަލުވެގެންދާނެ.“ އޭނާ ވިދާޅުވިއެވެ.
ނާޒިމް އިތުރަށް ވިދާޅުވީ ގާނޫނަށް ގެންނަ ބަދަލާއެކު ޓެކްސް ބޮޑުކުރުމަށް ފަހު މީހުން ދުންފަތާ ދުރަށް ގެންދިއުމަށް ފަހުން ކުރަން ޖެހޭ މަސައްކަތްތައް ވެސް ވަރަށް މުހިންމު ކަމަށެވެ.
އެގޮތުން އޭގެ އެންމެ މުހިންމުކަމެއްގެ ގޮތުގައި ދެކެވަޑައިގަންނަވަނީ ދުންފަތާ ބެހޭ ގާނޫނުގެ ދަށުން ސަރުކާރުގެ އިދާރާތަކަށް ލިބިފައިވާ ބާރުގެ ބޭނުންކޮށްގެން ހަދާފައިވާ ގަވައިދުތައް ރަނގަޅަަށް ތަންފީޒުކުރެވިގެން ދިއުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

