ސިނާއީ ބޭނުމަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބީލަމުގެ އުސޫލުން ބިން ވިއްކުމަށް ހުޅުވާލައިފިއެވެ.
އޭގެ ތެރޭގައި ހިމެނެނީ، ހުޅުމާލޭ ދެވަނަ ފިޔަވަހިން ވިއްކާ 1515 އަކަފޫޓާއި 1538 އަކަފޫޓާ ދެމެދުގެ 16 ބިމެވެ.
އެޗްޑީސީން ބުނީ ހަމައެކަނި ދިވެހިންނަށް ކުރިމަތިލެވޭ ގޮތަށް ވިއްކަން ހުޅުވާލާފައިވާ މި ބިންތަކަށް، އުމުރުން 18 އަހަރުވެފައިވާ ކޮށްމެ ދިވެހި ރައްޔިތަކަށް ވެސް ބީލަން ހުށަހެޅިދާނެ ކަމަށެވެ.
އަދި ބީލަން ހުށަހަޅަނީ ކުންފުންޏަކުންނަމަ، އެ ކުންފުންޏަކީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ %100 ދިވެހިންގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމުގައިވާންވާނެ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެއެވެ.

ބިން ވިއްކުން ކުރިއަށް ގެންދަނީ ދެ މަރުހަލާ އަކަށް ބަހާލައިގެންނެވެ.
ފުރަތަމަ މަރުހަލާ އަކީ އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީ އޯ އައި) ހުށަހެޅުމެވެ. ދެވަނަ މަރުހަލާއަކީ ގަންނަން ކަނޑައަޅާފައިވާ ބިމަށް އެއް ފަރާތަށް ވުރެ ގިނަ ފަރާތުން އީ އޯ އައި ހުށަހަޅާފައި ވާނަމަ، ބިޑް ކުރުމެވެ. ބިންތަކުގެ ބީލަން ފެށޭ އަގަކީ އަކަފޫޓަކަށް 5،500ރ.އެވެ. ކޮންމެ ފަރާތަކަށްވެސް ޖުމްލަ 03 ބިން ގަނެވިދާނެއެވެ.
ބީލަންތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އެޗްޑީސީގެ އޮންލައިން ބިޑް ޕޯޓަލް: https://bids.hdc.mv މެދުވެރިކޮށެވެ.
އެގޮތުން، މިހާރު ވިއްކުމަށް ހުޅުވާލެވިފައިވާ ބިންތަކުގެ މައުލޫމާތު ބިޑް ޕޯޓަލް މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށް އެޗްޑީސީން ބުނެއެވެ.
އެޗްޑީސީން ބުނީ މިކަމާ ގުޅޭ އިތުރު މައުލޫމާތު، އެ ކޯޕަރޭޝަންގެ ހޮޓްލައިން ނަންބަރު 1516 އަށް ގުޅުއްވައިގެން ވެސް ސާފުކުރެވޭނެ ކަމަށެވެ.

