ދައުލަތުގެ ހަރަދުތައް ކުޑަ ކުރެއްވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ މުސާރަ ކުޑަ ކުރުމަށް އެމަނިކުފާނު ނިންމެވި ނިންމެވުމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް ތައުރީފު ކުރައްވައިފިއެވެ.

ރައީސް މުއިއްޒު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 2025 ވަނަ އަހަރަށް ދައުލަތުގެ ބަޖެޓު ހުށަހަޅާއިރު، އިގްތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން، ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ މަގްސަދުގައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް ވާނީ ނިންމަވާފައި ކަމަށެވެ.

މިގޮތުން ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުސާރައިން %10 އުނިކުރުމަށާއި، ބޭންކްތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން %10 އުނިކުރުމަށާއި، ކުންފުނިތަކުގެ ވެރީންނަށް އެންމެ ބޮޑުކޮށް ދެވޭނީ 90،000 ރުފިޔާ ކަމަށް ކަނޑައެޅުމަށް ނިންމެވިކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

ރައީސް ވަނީ، މިހާރު 100،000ރ އަށްވުރެ ބޮޑު މުސާރަ ބައެއް ކުންފުނިތަކުގެ މުސާރަ އޮނިގަނޑު އޮތްގޮތުން ލިބޭކަން ފާހަގަކުރައްވައިފައެވެ.

މި ނިންމެވުންތަކަށް ތައުރީފު ކުރައްވައި، މުހައްމަދު އިސްމާއީލް މިރޭ އެކްސްގައި ވިދާޅުވީ، ރައީސްގެ ނިންމެވުމަށް 100 ޕަސެންޓު ތާއީދު ކަމަށެވެ. އޭނާ ވިދާޅުވީ، ރައީސް ނިންމެވީ ގައުމީ ނިންމުމެއްކަން ޔަގީންވާ ކަމުގައެވެ.

ހަރަދު ކުޑަ ކުރަން އަޅުއްވަން ނިންމަވައިފައިވާ އިތުުރު ފިޔަވަޅުތައް؛

މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ މުސާރައިން %10 އުނިކުރުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުން.

4.ޝަރުޢީ ދާއިރާގެ އިސްވެރިން އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައިން %10 އުނިކުރުމަށް އެ ފަރާތްތަކުގައި އެދުން.

ރައީިސް ވިދާޅުވީ މި ފިޔަވަޅުތައް އެޅުމުގައި 12،000 ރުފިޔާއިން ދަށުން މުސާރަ ލިބޭ ފަރާތްތައް އިސްތިސްނާކުރެވޭނެ ކަމަށެވެ.

”މީގެ އިތުރުން އަޅުގަނޑުގެ މުސާރައިގެ %50 ނުނަގާ ގޮތަށް ހަމަޖައްސަން ދެންނެވުން.“ ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ، މިއީ ދެ އަހަރު ދުވަހަށް އަޅުއްވާ ފިޔަވަޅުތަކެއްކަން އެމަނިކުފާނު ކުރެއްވި ޕޯސްޓުގައި ފާހަގަކުރައްވައިފައެވެ.

ހަރަދު ކުޑަ ކުރުމުގެ ގޮތުން، މުސާރަތައް ކުޑަ ކުރުމަށް ރައީސް މުއިއްޒު ހުށަހެޅުއްވި ހުށަހެޅުއްވުމަށް ގިނަ ބަޔަކު ދަނީ ތައުރީފު ކުރަމުންނެވެ.