ހަރަދު ކުޑަކޮށް، މާލީ ހާލަތު ރަނގަޅު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، މުސާރަތައް ކުޑަ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ނިންމެވި ނިންމެވުމަކީ ހިތްވަރުގަދަ ނިންމެވުމެއް ކަމަށާއި، އެއީ ސިޔާސީ ގޮތުން އުނދަގޫ ވިޔަސް ގައުމުގެ ހައްގުގައި ނިންމަވަން ޖެހޭ ނިންމެވުމެއް ކަމަށް ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް ޕާޓީން ބުނެފިއެވެ.

ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 2025 ވަނަ އަހަރަށް ދައުލަތުގެ ބަޖެޓު ހުށަހަޅާއިރު، އިގްތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން، ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ މަގްސަދުގައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް ވާނީ ނިންމާފައި ކަމަށެވެ.

މިގޮތުން ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުސާރައިން %10 އުނިކުރުމަށާއި، ބޭންކްތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން %10 އުނިކުރުމަށާއި، ކުންފުނިތަކުގެ ވެރީންނަށް އެންމެ ބޮޑުކޮށް ދެވޭނީ 90،000 ރުފިޔާ ކަމަށް ކަނޑައެޅުމަށް ނިންމެވިކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

އަދި އެމަނިކުފާނުގެ މުސާރައިން 50 ޕަސެންޓު އުނި ކުރުމަށް ނިންމެވިއެވެ.

މިކަމާ ގުޅިގެން ޕީއެންސީން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ރައީސްގެ އެ ނިންމެވުމަކީ ހަރުދަނާ އަދި އެހާމެ ހިތްވަރުގަދަ ނިންމެވުމެއް ކަމަށާއި ފާއިތުވެދިޔަ ދެތިން އަހަރު ދައުލަތުގެ ހަރަދުތައް އިންތިހާއަށް އިތުރުވެ، އެކަމުގެ ސަބަބުން ލިބޭ އާމްދަނީ އާއި ކުރާ ހޭދައިގެ ފަރަގު ބޮޑުވަމުންދިޔަ އިރު، އެކަން އިސްލާހުކުރުމަށްޓަކައި ހަރަދުތައް ކޮންޓްރޯލުކުރުމަށް ދުނިޔޭގެ މާލީ އިދާރާތަކާއި ރާއްޖޭގެ ކްރެޓިން ރޭޓިން އެޖެންސީތަކުން ދެމުންދިޔަ ލަފައަށް އޭރުގެ ސަރުކާރުން ދިނީ ބީރު ކަންފަތެއް ކަމަށެވެ.

ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ހަރުދަނާ އެއްވެސް ފިޔަވަޅެއް ނިމިދިޔަ ސަރުކާރުން ނޭޅުމުގެ ސަބަބުން 2022 ގައި 9.8 ބިލިއަން ރުފިޔާގައި ހުންނާނެ ކަމަށް އަންދާޒާކުރި ބަޖެޓު ޑެފިސިޓު އަހަރު ނިމުނުއިރު 11.3 ބިލިއަން ރުފިޔާއަށް އިތުރުވި ކަމަށާއި 2023 ގައި 8.6 ބިލިއަން ރުފިޔާގައި ބަޖެޓު ޑެޕިސިޓު ހުންނާނެ ކަމަށް ލަފާކުރި ނަމަވެސް، އަހަރު ނިމުނުއިރު ބަޖެޓު ޑެފިސިޓު ހުރީ 13.5 ބިލިއަން ރުފިޔާއަށްވުރެ އިތުރުވެފައި ކަމަށެެވެ. އަދި ބަޖެޓު ޑެފިސިޓު ބޮޑުވިއިރު ހަރަދުތައް، ލިބުނު އާމްދަނީގެ ތެރޭގައި ހިފެހެއްޓިފައިނުވާ ކަމަށް ވެސް ޕީއެންސީން ބުންޏެވެ.

އެ ޕާޓީން ބުނީ މިއީ މިވަގުތު ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ދިވެހި މާލިއްޔަތުގެ ދެހެމެއްޓެވިކަން ޔަގީންކޮށްދެއްވުމަށް ރައީސް އަޅުއްވަން ނިންމެވި ހަރުދަނާ ފިޔަވަޅުތަކެއް ކަމުގައެވެ.

ސިޔާސީ ގޮތުން އަނދަގޫ، އެހެންނަމަވެސް ގައުމުގެ ހައްގުގައި ނިންމަވަންޖެހޭ ނިންމެވުމެއް ކަމަށެވެ.

މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ މުސާރައިން %10 އުނިކުރުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމަށާއި، ޝަރުޢީ ދާއިރާގެ އިސްވެރިން އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައިން %10 އުނިކުރުމަށް އެ ފަރާތްތަކުގައި އެދުމަށް ނިންމެވިކަން ވެސް، ރައީސް ރޭ ހާމަކުރެއްވިއެވެ.

ރައީިސް ވިދާޅުވީ މި ފިޔަވަޅުތައް އެޅުމުގައި 12،000 ރުފިޔާއިން ދަށުން މުސާރަ ލިބޭ ފަރާތްތައް އިސްތިސްނާކުރެވޭނެ ކަމަށެވެ.