ގއ. ވިލިނގިލީގައި އުމުރުން ދުވަސްވީ މީހެއްގެ ކޭޝްކާޑު ބޭނުން ކޮށްގެން ވަގަށް ފައިސާ ނެގި މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން މިއަދު ބުނީ އެ ހާދިސާގެ ރިޕޯޓް ލިބިފައިވަނީ އިއްޔެ 20:13 އެހާކަންހާއިރު ކަމަށެވެ.

އެ ރިޕޯޓާ ގުޅިގެން ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ކޭޝްކާޑު ވަގަށް ނެގި ކަމަށް ތުހުމަތުކުރެވޭ މީހުން ގއ. މާމެންދޫއިން ވިލިނގިއްޔަށް ދަނިކޮށް ކަނޑުމަތިން ހުއްޓުވައި، އެ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އަދި އެ މީހުން ހައްޔަރުކޮށް އެ މީހުން ދަތުރުކުރި ލޯންޗު ބަލައި ފާސްކުރި އިރު ކޭޝްކާޑު ބޭނުން ކޮށްގެން އެ މީހުން ވަގަށް ނެގި ކަމަށް ބެލެވޭ 25،000 ރުފިޔާގެ ތެރެއިން 23،000 ރުފިޔާ ފެނިފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދިނެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިލިނގިލި، ލައިފް، މުހައްމަދު ޝައިން ޝަމީޒް (22އ) އަދި ލ. ގަން، ތުނޑީ، ނޯތް ހެވަން، ހަމްދޫން ހަލީލް (24އ) ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ދަނީ، މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.