ސިޔާސީ މަޤާމުތަކަށް ކުރާ ހޭދައާއި ބެހޭގޮތުން ބައެއްް ފަރާތްތަކުން ފަތުރަމުންދިޔައީ ދޮގު ވާހަކަތަކެއްކަން، ރައްޔިތުންގެ މަޖިލީހުގައި ފިނޭންސް މިނިސްޓަރު، މޫސާ ޒަމީރު އާއްމު ކުރެއްވި މައުލޫމާތުން ހާމަވެފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓު މަޖިލީހަށް ހުށަހަޅުއްވަމުން، މޫސާ ޒަމީރު ވަނީ ސަރުކާރުގައި އެކިއެކި މަގާމުތަކަށް އައްޔަންކޮށްފައި ތިބޭ ސިޔާސީ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި ހޭދަކުރަނީ މުޅި ސަރުކާރުގެ މުސާރައާއި އިނާޔަތަށް ހޭދަކުރާ މިންވަރުގެ ހަތަރު އިންސައްތަކަން ފާހަގަކުރައްވާފައެވެ.

މިކަމާއި ގުޅިގެން ހީނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސިޔާސީ މަޤާމުތަކަށް ކުރާ ހޭދައާއި ބެހޭގޮތުން ބައެއް ފަރާތްތަކުން ފަތުރަމުންދިޔަ ދޮގު ޚަބަރުތަކުގެ ހަގީގަތް ފިނޭންސް މިނިސްޓަރު މިއަދު ހާމަކޮށްދެއްވާފައިވާ ކަމަށެވެ.

 

ޒަމީރު ވިދާޅުވީ، ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން މުސާރައަށް ކުރާ ހޭދައަކީ ސަރުކާރުގެ މުޅި މުސާރައާއި އިނާޔަތްތަކަށް ކުރާ ހޭދައިގެ ހަތަރު އިންސައްތަ ކަމަށާއި ސަރުކާރުގެ ހިންގުމުގެ ޚަރަދުތައް ކުޑަކުރަން ވެސް ވަނީ ފިޔަވަޅުތަކެއް އަޅާފައި ކަމަށެވެ.

”މި ގޮތުން، ދަތުރުފަތުރާއި ހަފުލާތައް ބޭއްވުން ފަދަ ކަންކަމަށް ކުރާ ޚަރަދުތައް ހިފެހެއްޓުމަށް ގިނަ ކޮންޓްރޯލްތަކެއްގެ ތެރެއިން މަސައްކަތްކުރަމުންދާއިރު މި ކަމުގެ ނަތީޖާ ދަނީ ފެންނަމުން،“ ޒަމީރު ވިދާޅުވިއެވެ.

ސިޔާސީ މަގާމުތަކުގައި ތިއްބެވި ފަރާތްތަކުގެ މުސާރައިން އުނިކުރަން ސަރުކާރުން ނިންމެވީ ވެސް އެ ސަބަބަށްޓަކައި ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވިއެވެ.