ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓު ދިރާސާކުރަން ބަޖެޓު ކޮމިޓީއަށް މިއަދު ފޮނުވައިފިއެވެ.
މަޖިލީހަށް ސަރުކާރުން މިއަދު ހުށަހަޅާފައިވަނީ 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެކެވެ.
މި ބަޖެޓުގެ ތެރޭގައި ހިމެނެނީ ރިކަރަންޓް ޚަރަދުގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ އާއި ކެޕިޓަލް ޚަރަދުގެ ގޮތުގައި 3.5 ބިލިޔަން ރުފިޔާއެވެ.
ސަޕްލިމެންޓްރީ ބަޖެޓްގެ ބަހުސް މިއަދު ހަވީރު ނިންމާލުމަށްފަހު، މަޖިލީހުގެ ރިޔާސަތުން ވަނީ ބަޖެޓް ދިރާސާކުރަން ކޮމިޓީ އަށް ފޮނުވާފައިވާކަން އިއުލާންކުރައްވާފައެވެ.
ސަޕްލިމެންޓަރީ ބަޖެޓް ދިރާސާ ކުރާ ކޮމިޓީން އެއް ދުވަސްތެރޭ ބަޖެޓް ދިރާސާކޮށް ނިންމުމަށް މަޖިލީހުން ވަނީ ފާސްކޮށްފައެވެ.
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ މި އަހަރަށް ފާސްކުރި ބަޖެޓަކީ މިދިޔަ ސަރުކާރުން އެކުލަވާލާފައިވާ ބަޖެޓެއް ކަމަށެވެ.
އަދި ޚަރަދުތައް ކުޑަކޮށް ދެއްކުމަށްޓަކައި މި އަހަރުގެ ޖުލައި މަހުން ފެށިގެން ރިފޯމްތަކެއް އަންނާނެ ކަމަށް ބަލައިގެން ބަޖެޓު އެކުލަވާލި އިރު، އެ ރިފޯމްތައް އެކީގައި ތަންފީޒު ކުރެވޭ ގޮތަށް އެކުލަވާލާ ފަރުމާ ކުރުމުގެ ޒިންމާ ނިމިދިޔަ ސަރުކާރުން އަދާކޮށްފައި ނެތް ކަމަށް ވެސް ވިދާޅުވިއެވެ.
އަދި ސަރުކާރުން ސަޕްލިމަންޓްރީ ބަޖެޓެއް ހުށަހެޅީ މާލިއްޔަތުގެ ގާނޫނުގައި ވާގޮތަށް ކުރިއަށް އޮތް މަސްތަކުގައި ހިނގާނެ ކަމަށް ލަފާކުރާ ޚަރަދުތައް ކުރިއާލައި ރައްޔިތުންގެ މަޖިލީހަށް އިއުލާނުކޮށް ހުއްދަ ހޯދުމަށް އެދުމުގެ ތެރެއިން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި އަހަރުގެ ދައުލަތުގެ ބަޖެޓަކީ 49.8 ބިލިއަން ރުފިޔާއެވެ.

