ވެރިކަން ކުރާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސްއަށް 65000 މެމްބަރުން ހަމަކޮށްފިއެވެ.
ޕީއެންސީގެ މެމްބަރޝިޕް ޑްރައިވް ހަރަކާތުގެ ތެރެއިން، ޕީއެންސީ ހައުސް ކުރިމަތީގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެ ޕާޓީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު ފާއިތުވި ދެމަހެއްހައި ދުވަހު ކުރެވުނު މަސައްކަތާއެކު މިއަދުގެ ނިޔަލަށް ޕާޓީއަށް 65000 މެމްބަރުން ހަމަވެފައިވާ ކަމަށެވެ.
އަދި އަމާޒަކީ އަންނަ މަހުގެ ނިޔަލަށް، 75000 މެމްބަރުން ހަމަ ކުރުން ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
”އެހެންވީމާ، އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ، މި އަންނަ މަސް މެދުތެރެއަށް އަންނައިރުގަ، 75000 މެމްބަރުން ހަމަވާނެ.“ ފަލާހު ދާޅުވިއެވެ.
ޕީއެންސީއަށް މެމްބަރުން އިތުރު ކުރުމުގެ ހަރަކާތް މިއަދު ހަވީރުގެ ނިޔަލަށް ކުރިއަށް ގެންދާނެއެވެ.
ފަލާހު ވިދާޅުވީ މާލޭގެ ހަތް ދާއިރާއެއްގައި މިއަދު މެމްބަރުން އިތުރު ކުރުމުގެ މަސައްކަތް ކުރާނެ ކަމަށާއި، އައްޑޫ ސިޓީއާއި ބ.އަތޮޅުގައި ވެސް މެމްބަރުން އިތުރު ކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމުގައެވެ.
އޭނާ ވިދާޅުވީ، ޕީއެންސީއަށް މެމްބަރުން އިތުރުވަމުންދަނީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސިޔާސަތު ރައްޔިތުން ބަލައިގަނެ، އެމަނިކުފާނުގެ ސަރުކާރުން ކަންތައްތައް ފުރިހަމައަށް ކޮށްދޭތީ ކަމުގައެވެ.

