ބިންވެރިޔާ ސްކީމްގެ ދަށުން ކ. ގުޅިފަޅުން ގޯތި ލިބުނު މީހުންގެ މެދުގައި އަލުން ގުރުއަތު ނަގަން ނިންމައިފިއެވެ.

އަލުން ގުރު ނަގަން ނިންމީ، ސަރުކާރުން ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނެއުމާ ގުޅިގެންނެވެ.

ހައުސިން ލޭންޑް އެންޑް އާބަން ޑިވަލޮޕްމަންޓް މިނިސްޓްރީން ގެޒެޓް ކުރި އިއުލާނެއްގައި ބުނެފައި ވަނީ ލޭންޑް ޔޫސް ޕްލޭނަށް ގެނެސްފައިވާ ބަދަލާ ގުޅިގެން ކުރިން ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގޯތީގެ ލޮކޭޝަން ބަދަލުވެފައިވާ ކަމަށެވެ.

އެހެންކަމުން އެ ފަރާތްތަކުގެ އިތުރުން ގިރާފަރުފަޅުން ލިބުނު ގޯތި ގުޅިފަޅަށް ބަދަލު ކުރި މީހުންގެ މެދުގައި އަންނަ އަންގާރަ ދުވަހުގެ ހެނދުނު 9:00 ގައި ގުރުއަތު ނަގަން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.

ގުރުއަތު ނަގަން ހަމަޖެހިފައި ވަނީ ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައެވެ.

މިނިސްޓްރީން ބުނީ، ގުރު ނެގުން ކުރިއަށްދާ ގޮތް ޕަބްލިކް ސަރވިސް މީޑިއާއިން ލައިވް ކުރުމަށްވަނީ ހަމަޖެހިފައި ކަމުގައެވެ.

ގޯތި ލިބޭ ފަރާތްތަކުގެ ގުރުނަގާ ނިމުމުން، ގޯތިތަކުގެ ރަޖިސްޓްރީ އާއި ބިން ލިބޭ ފަރާތްތަކާއެކުވާ އެއްބަސްވުން ތަކާއިގުޅޭ މައުލޫމާތު ފަހުން ހިއްސާކުރާނެ ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.