ވިލިމާލޭގައި ހަދާ 100 އެނދުގެ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް އަންނަ އަހަރު ފެށިގެންދާނެ ކަމަށް މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވެފައި ވަނީ ޕީއެސްއެމްގެ ”ރާއްޖެ މިއަދު“ ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުންނެވެ.
ވިލިމާލޭގައި 100 އެނދުގެ އައު ހޮސްޕިޓަލް އެޅުމަށް ހަމަޖެހިފައިވަނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގައެވެ. އެ ހޮސްޕިޓަލުގައި، ލެބޯޓަރީގެ ހިދުމަތާއި އެންއައިސީއާއި އޮޕަރޭޝަން ތިއޭޓަރަކާ، އައިސީޔޫގެ އިތުރުން ޕްރައިވެޓް ރޫމާއި ވޯޑް ހުންނާނެއެވެ.
ޕީއެސްއެމްގައި ހަލީމް ވިދާޅުވީ، ވިލިމާލެ ހޮސްޕިޓަލް މަޝްރޫއު ކުރިއަށް ގެންދިޔުމަށް ޗައިނާގެ ޓީމެއް ރާއްޖެ އައިސް، ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި ހެލްތު މިނިސްޓްރީއާއެކު ބައްދަލުވުންތަކެއް ބާއްވާފައިވާ ކަމަށެވެ.
އަދި އެކަމުގެ ސާވޭކޮށް، ފީސިބިލިޓީ ސްޓަޑީއަށް ބޭނުންވާ ހުރިހާ މައުލޫމާތުތަކެއް އެއްކުރުމަށްފަހު ފީސިބިލިޓީ ސްޓަޑީ ނޯޓްގައި މިހާރު ސޮއިކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
”އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުން އިރާދަކުރެއްވިއްޔާ ކުރިއަށްއޮތް އަހަރުގައި އަޅުގަނޑުމެން ވިލިމާލޭގެ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފެށިގެންދާނެ،“ އޭނާ ވިދާޅުވިއެވެ.
ހަލީމް ވިދާޅުވީ ތިލަމާލެ ބުރިޖުގެ މަސައްކަތް ނިމޭ އިރު، ވިލިމާލޭ ޓާޝަރީ ހޮސްޕިޓަލުގެ މަސައްކަތް ވެސް ނިންމާލެވޭނެ ކަމަށެވެ.
ވިލިމާލޭގެ ޓާޝަރީ ހޮސްޕިޓަލުގެ މަސައްކަތް އަންނަ އަހަރު ފަށައި، ތިން އަހަރު ދުވަހުގެ ތެރޭގައި ނިންމާ، އެ ތަނުން ހިދުމަތް ދެވޭވަރު ވާނެ ކަމަށް ހެލްތު މިނިސްޓްރީން ކުރިން ބުނެފައިވެއެވެ.

