ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުގެ 11 މަސް ދުވަހުގެ ތެރޭގައި ކޮންސްޓްރަކްޝަން މިނިސްޓްރީން 37 މަޝްރޫއުއެއްގެ މަސައްކަތް ނިންމައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވަނީ އެ މިނިސްޓްރީން ފާއިތުވި 11 މަސް ދުވަހު ކުރި މަސައްކަތްތައް ހިއްސާ ކުރައްވައިފައެވެ.
މަޝްރޫއުތައް ހުއްޓިފައިވާ ސަބަބާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ، ބަޖެޓުގައި މަޝްރޫއުތައް ހިންގަން ބޭނުންވާ ވަރަށް ފައިސާ ހިމަނާފައި ނުވާތީ، ބައެއް މަޝްރޫއުތައް ކުރިއަށް ނުގެންދެވެނީ ކަމުގައެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން ހިންގަން ޖެހޭ އެތައް މަޝްރޫއުއެއް ބަޖެޓުގައި ހިމެނިއިރު، އެ މަޝްރޫއުތައް ފަށަން ކަނޑައަޅާފައި ވަނީ އެންމެ 965.5 މިލިއަން ރުފިޔާކަން ވެސް މިނިސްޓަރު މުއްތަލިބު ވަނީ ފާހަގަކުރައްވައިފައެވެ.
މިނިސްޓަރު ވިދާޅުވީ ފާއިތުވި އަހަރުގެ ތެރޭގައި، ބަޖެޓުގެ ތާށިކަމާއެކުގައި ވެސް، ވަރަށް ގިނަ މަޝްރޫއުތައް ކުރިއަށް ގެންދެވި، ނިންމިފައިވާ ކަމަށެވެ.
ނިމިފައިވާ ބައެއް މަޝްރޫއުތަކާއި އަގު:
4 ބަނދަރު މަޝްރޫއު (238 މިލިއަން ރުފިޔާ)
1 ބިން ހިއްކުމުގެ މަޝްރޫއު ( 91.4 މިލިއަން ރުފިޔާ)
1 މަގު ހެދުމުގެ މަޝްރޫއު ( 79 މިލިއަން ރުފިޔާ)
3 ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ( 2.18 ބިލިއަން ރުފިޔާ)
29 ފެނާއި ނަރުދަމާގެ މަޝްރޫއު (1.54 ބިލިއަން ރުފިޔާ)
މިގޮތުން ނިމިފައިވާ މަޝްރޫއުތަކުގެ ޖުމްލަ އަދަދަކީ 37އެވެ. މި މަޝްރޫއުތަކުގެ އަގަކީ، 1.976 ބިލިއަން ރުފިޔާއެވެ.
ިމިނިސްޓަރު ވިދާޅުވީ، މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް އިތުރު 21 މަޝްރޫއުއެއްގެ މަސައްކަތް ނިންމުމަށް އެ މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މި ސަރުކާރު ހަވާލުވީއިރު، ކޮންސްޓްރަކްޝަން މިނިސްޓްރީގައި 1.72 ބިލިއަން ރުފިޔާގެ ބިލުތައް ހުރި ކަމަށާއި، އެއީ މަޝްރޫއުތައް ހިންގުމާއި ފެށުމަށް ދިމާވި ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ.
”މި ދެންނެވީ ފިނޭންސް މިނިސްޓްރީއަށް ނުފޮނުވާ ހުރި ބިލުތަކުގެ އަދަދު. 1.72 ބިލިއަން ރުފިޔާ.“ މިނިސްޓަރު ވިދާޅުވިއެވެ.

