މާލެއާއި ވިލިމާލޭގެ މަގުތަކާއި އާންމު ތަންތަަނާއި ޕާކުތަކާއި މައިޒާންތައް ކުނިކަހައި ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ދެން ކުރާނީ މާލޭ ސިޓީ ކައުންސިލުން ކަމަށް އެ ކައުންސިލުން ބުނެފިއެވެ.

Ads by Asuru

މާލޭ ސިޓީ ކައުންސިލުން ނެރިފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު މާލެއާއި ވިލިމާލޭގެ މަގުތަކާއި އާންމު ތަންތަަނާއި ޕާކުތަކާއި މައިޒާންތައް ކުނިކަހައި ސާފުކޮށް ބެލެހެއްޓުމަށް ވެމްކޯ އާއިއެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އެ އެއްބަސްވުމުގެ މުއްދަތު އިތުރު ނުކުރާ ގޮތަށް އެކައުންސިލުން ނިންމާފައިވާ ކަމަށެވެ.

އެގޮތަށް ނިންމާފައިވަނީ މާލެއާއި ވިލިމާލޭގެ މަގުތަކާއި އާންމު ތަންތަނަށް އަޅަމުންދާކުނިތަކާއި ތަކެތި ވީހާވެސް އަވަސްގޮތެއްގައި ނަގައި މާލޭ ސިޓީއަކީ ސާފުތާހިރު ހިތް ފަސޭހަ ނަމޫނާ ސިޓީއެއްގެ ގޮތުގައި ބޭއްވުމަށް ކަަމަށާއި، ސިޓީ ކައުންސިލުން ސީދާ މި މަސައްކަތް ކުރަން ފެށުމުން އެ މަސައްކަތަށް ހޭދަވާ ހަރަދު ކުޑަވެގެންދާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

ސިޓީ ކައުންސިލުގެ ބަޔާނުގައި ބުނެފައި ވަނީ މާލޭ ސިޓީ ކައުންސިލުން އަބަދުވެސް މަސައްކަތް ކުރަނީ މާލޭ ސިޓީއަކީ ހިތް ފަސޭހަ އަމާން ރައްކާތެރި ތަނެއްގެ ގޮތުގައި ބޭއްވުމަށް ކަމަށެވެ.

އަދި މާލެ އާއި ވިލިމާލެ ސާފުތާހިރުކޮށް ބޭއްވުމަކީ އަބަދުވެސް މާލޭ ސިޓީ ކައުންސިލުން އަދާކުރަން ޖެހޭ ގާނޫނީ ޒިންމާއެއްކަބް ފާހަގަކޮށް، ބަޔާނުގައި ވަނީ އެ ޒިންމާ އެންމެ ފުރިހަމަ ގޮތުގައި އަދާކޮށް މާލޭ ސިޓީ އަކީ ނަމޫނާ ސިޓީއެއްގެ ގޮތުގައި ބޭއްވުމަށް ކުރަމުންދާ މަސައްކަތަށް ސަރުކާރުގެ ކަމާބެހޭ އެންމެހައި މުއައްސަސާތަކުން ދޭންޖެހޭ އެއްބާރުލުން ދިނުމަށް ގޮވާވެސް ލާފައެވެ.