ދައުލަތުގެ އެއްވެސް މިނިވަން މުއައްސަސާއަކަށް، މިހައިތަނަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރައްވާފައި ނުވާނެކަމަށާއި، ކުރިއަށް އޮތްތަނުގައި ވެސް އެފަދަ ކަމެއް ނުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ދައުލަތުގެ އެއްވެސް ބާރެއްގެ، ނުވަތަ މިނިވަން މުއައްސަސާއެއްގެ، ނުވަތަ އިންތިހާބު ކުރެވޭ އެއްވެސް ބައެއްގެ ބާރުތަކުގެ ތެރެއަށް ނުފޫޒު ފޯރުވުމަކީ މިއަދާ ހަމަޔަށްވެސް އެމަނިކުފާނު ކުރެއްވި ކަމެއް ނޫންކަމަށެވެ.
އަދި ކުރިޔަށް އޮތް ތަނުގައި ވެސް އެފަދަ ކަމެއް ނުކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
މިނިވަން މުއައްސަސާތަކުން ޢަދުލުވެރިކަމާއި، އިންސާފާއި، ހަމަހަމަކަމާއެކު، ވަކި މީހަކަށް ބެލުމެއްނެތި، ހަލުއި ދުވެލީގައި މަސައްކަތްކުރަމުން ދޭތޯ ކަށަވަރުކުރައްވާނެކަމަށް ވެސް ރައީސް ޔަގީންކަން ދެއްވިއެވެ.
އަދި އެ މަގުން ކަންކަން ބައްޓަން ކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް، ގާނޫނާއި ގަވާއިދަށް ގެންނަންޖެހޭ އިސްލާހެއްވާނަމަ އެ އިސްލާޙެއް ގެންނަން ސަރުކާރުން ހުށަހަޅަމުން ގެންދަވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

