މިސް ޔުނިވާސް މުބާރާތުގައި ބައިވެރިވާން މަސައްކަތް ކުރަމުންދާ ފަރާތުން އެކަން ހުއްޓައިލުމަށް ސަރުކާރުން ގޮވައިލައްވައިފިއެވެ.
މެކްސިކޯގައި މި އަހަރު ބާއްވާ މިސް ޔުނިވާސް މުބާރާތުގައި ރާއްޖެ ތަމްސީލު ކުރުމަށް ހަމަޖެހިފައި ވަނީ އުމުރުން 21 އަހަރުގެ މަރިޔަމް ޝައިނާ ނަސީމެވެ.
މިއަހަރުގެ މިސް ޔުނިވާސް މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ މެކްސިކޯގައި އަންނަ މަހުގެ 14 ގައެވެ. އަދި ފައިނަލް ޝޯ ބޭއްވަނީ އޭގެ 2 ދުވަސް ފަހުންނެވެ.
މިއަހަރުގެ މުބާރާތުގައި ޖުމްލަ 130 ގައުމަކުން ބައިވެރިވާއިރު، މިއީ މިސް ޔުނިވާސްގެ 73 ވަނަ މުބާރާތެވެ.
ޔޫތު މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެ މުބާރާތުގައި ދިވެއްސަކު ބައިވެރިވާން އުޅެނީ، އެއީ ސަރުކާރުގެ ބައިވެރިވުން އޮތް ކަމެއް ކަމަށް ފަތުރާ ބައެއް ޚަބަރުތަކުން ފާހަގަވާ ކަމަށެވެ.
ދިވެހީންގެ ދީނާއި، ސަގާފަތާ ނުގުޅޭ މުބާރާާތްތައް ބޭއްވުމާއި އެފަދަ ހަރަކާތްތަކުގައި ދިވެހީން ބައިވެރިވުމަކީ ސަރުކާރުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށް އެ ބަޔާނުގައިވެއެވެ.
”އަދި އެ ފަދަ ކަންކަމަކީ ދިވެހީން ގަބޫލުކުރާ އާއްމު އަހުލާގީ މިންގަނޑުތަކާއި، އުސޫލުތަކާ ވެސް ހިލާފު ކަންކަމަށްވާއިރު، ރާއްޖެ ތަމްސީލު ކުރުމުގެ ނަމުގައި ދިވެއްސަކު އެފަދަ ހަރަކާތަކަށް ދިޔުން، ދިވެހި ސަރުކާރުން ކުށްވެރި ކުރަމެވެ.“ ޔޫތު މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.
މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ބުނީ، މިސް ޔުނިވާސްގައި ބައިވެރިވާން މަސައްކަތް ކުރާ ފަރާތުން އެކަން ހުއްޓައިލުމަށް ގޮވައިލާ ކަމަށެވެ.
އަދި މިއީ ސަރުކާރުން ކުރުވާ ކަމެއް ކަމަށް ދޭހަކޮށް މައުލޫމާތު ނުފެތުރުމަށާއި، އެއްވެސް ދިވެއްސަކު މިފަދަ ކަމެއްގައި ބައިވެރިނުވުމަށް ވެސް ބަޔާނުގައި ގޮވައިލެއްވިއެވެ.

