އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ އާ ވެބްސައިޓް އިފްތިތާހްކޮށްފިއެވެ.

ފަތުވާ މަޖިލީހުގެ އާ ވެބްސައިޓް އިފްތިތާހް ކުރުމަށް މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ވެބްސައިޓު އިފްތިތާހްކޮށްދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ.

މި ރަސްމިއްޔާތުގައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ރައީސް ޝައިހް ޑރ. މުޙައްމަދު ރަޝީދު އިބްރާހީމާއި ފަތުވާ މަޖިލީހުގެ މެމްބަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ވެބްސައިޓުން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ނެރުއްވާފައިވާ ފަތުވާތަކާއި، އިސްތިރާޝީ ލަފާތަކާއި، ފަތުވާ ފޮތްތައް ހިމެނޭ އޮންލައިން ލައިބްރަރީއަކާއި ފަތުވާ މަޖިލީހާއި ގުޅޭ އެންމެ ފަހުގެ ޚަބަރާއި މައުލޫމާތު ލިބޭނެއެވެ.

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެމްބަރުންގެ ގޮތުގައި މިވަގުތު ތިއްބަވަނީ ފަތުވާ މަޖިލީހުގެ ރައީސް ޑރ. މުހައްމަދު ރަޝީދު އިބްރާހީމާއި، ފަތުވާ މަޖިލީހުގެ ނައިބު ރައީސް ޑރ. އަބްދުއްސައްތާރު އަބްދުއްރަހްމާނާއި، މެމްބަރުންގެ ގޮތުގައި ޑރ. އަލީ ޒާހިރު ބިން ސައީދު ގާސިމް، އައްޝައިހް އިލްޔާސް ހުސައިން އަދި ޑރ. މޫސާ އަންވަރު ހަސަންއެވެ.