މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ރެކްރިއޭޝަން ކްލަބް ”ތަޢުލީމީ ގުޅުން“ އަދި މޯލްޑިވްސް ބްލަޑް ސަރވިސަސްއާ ގުޅިގެން 2024 އަދި 2025 ވަނަ އަހަރަށް ދެމިގެންދާނެ ލޭ ހަދިޔާކުރުމުގެ ކޭމްޕެއް މިއަދު ފަށައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، މި މުހިންމު އިސްނެގުމުގެ މައިގަނޑު މަގްސަދަކީ ގައުމީ ފެންވަރުގައި ލޭ ހަދިޔާކުރުމުގެ މުހިންމުކަން އާންމުންގެ މެދުގައި އިތުރުކޮށް، ގައުމީ ލޭ ބޭންކަށް ބޭނުންވާ ލޭ ހޯދުމަށް އެހީތެރިވުން ކަމުގައެވެ.

30 އަދި 31 އޮކްޓޫބަރު އަށް މޯލްޑިވިއަން ބްލަޑް ސަރވިސަސްގައި މި ކޭމްޕް ކުރިއަށްދާނީ މެންދުރު 12:00 އިން ފެށިގެން ހަވީރު 18:30 އާ ހަމައަށެވެ.

މި ބުރުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އެކި ސެކްޝަންތަކާއި ޑިވިޝަންތަކުގެ މުވައްޒަފުން ބައިވެރިވާނެ ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި މާލޭ ސަރަހައްދުގެ ސްކޫލުތަކުންވެސް ބައިވެރިފައިވެއެވެ.

މި ޕްރޮގްރާމަކީ މުވައްޒަފުންގެ މެދުގައި އިޖްތިމާއީ ޒިންމާ އުފުލުމުގެ ރޫޙު އާލާކުރުމަށާއި، ސިއްހީ ދާއިރާއަށް އެހީތެރިވުމުގެ ގޮތުން ކުރިއަށްގެންދެވޭ އަގުހުރި މަސައްކަތެއް ކަމަށް އެޑިއުކޭޝަނުން ބުނެއެވެ.