ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ގެމްބިއާގެ ފަސްޓް ލޭޑީ، ފަޓޮމަޓާ ބަ ބަރޯއާ ބައްދަލުކުރައްވައިފިއެވެ.

މިއަދު މި ބައްދަލުކުރެއްވުން އޮތީ މެރކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލޫމިނަރީ ކޮންފަރެންސްގެ 11 ވަނަ އަހަރީ ބައްދަލުވުމުގެ ހަވާސާގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާއާއި ގެމްބިއާގެ ފަސްޓް ލޭޑީވަނީ ދެޤައުމުގެ މަސްލަހަތު ހިމެނޭ ކަންކަމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. އެވޮތުން މުޖުތަމަޢުގެ މެދުގައި ގާތް ގުޅުންތައް އުފައްދައި، އާންމުންބޭނުންވާ މުހިންމު ކަންކަމުގައި ހުރި ހުރަސްތައް ނައްތާލަން ސަމާލުކަން ދިނުން ފަދަ މައުޟޫޢުތަކަށް ދެބޭފުޅުން މަޝްވަރާކުރައްވާފައިވެއެވެ.

މީގެ އިތުރުން، މެރކް ފައުންޑޭޝަނުން އިސްނަގައިގެން ކުރަމުންދާ މަސައްކަތްތަކާއި ބެހޭގޮތުންވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

އެގޮތުން އޭޝިއާ އަދި އެފްރިކާގެ މުޖުތަމަޢުތަކަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށް އެ ފައުންޑޭޝަނާ ގުޅިގެން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރެއްވުމާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަފުޅު ދެއްކެވިއެވެ.