ސަރުކާރުން ފާޅުގައި މުންކަރާތްތަކަށް ދެކޮޅު ހެދުމަކީ އީމާންކަމުގެ އަހުލުވެރިންގެ ހިތްތަކަށް ފިނިކަން ގެނުވި ކަމެއް ކަމަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ، އައިޔޫއެމްގެ ވައިސް ޗާންސެލަރ ޑރ.އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.
މި އަހަރު މެކްސިކޯގައި ބާއްވާ މިސް ޔުނިވާސް މުބާރާތުގައި ރާއްޖޭގެ ފަރާތުން ޒުވާނަކު ބައިވެރިވުމަށް ހަމަޖެހިފައިވާއިރު، އެއީ ސަރުކާރުން ކުރުވާ ކަމެއް ނޫން ކަމަށް ޔޫތު މިނިސްޓްރީން ވަނީ ބުނެފައެވެ.
އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި، ދިވެއްސަކު މިސް ޔުނިވާސް މުބަރާތުގައި ބައިވެރިވާން އުޅުން ކުށްވެރިކޮށް، އެކަން ނުކުރުމަށް ގޮވައިލިއެވެ.
ޔޫތު މިނިސްޓްރީގެ ބަޔާން ރީޕޯސްޓު ކުރައްވައި، ޑރ.އަލީ ޒާހިރު އެކްސްގައި ވިދާޅުވީ، ދީނީ ގޮތުންނާއި އަހްލާގީ ގޮތުން ދަށުދަރަޖައިގެ މުންކަރާތްތަކަށް ސަރުކާރުން ފާޅުގައި ދެކޮޅު ހެދުމަކީ އީމާންކަމުގެ އަހުލުވެރިންގެ ހިތްތަކަށް ފިނިކަން ގެނުވި ކަމެެއް ކަމުގައެވެ.
ޑރ.އަލީ ޒާހިރު ވަނީ ރައީސް ޑރ.މުއިއްޒަށާއި ސަރުކާރަށް މާތް ރަސްކަލާނގެ ހެޔޮތައުފީގު މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވައިފައެވެ.
މިސް ޔުނިވާސް މުބާރާތުގައި ރާއްޖެ ތަމްސީލު ކުރުމަށް ހަމަޖެހިފައި ވަނީ އުމުރުން 21 އަހަރުގެ މަރިޔަމް ޝައިނާ ނަސީމެވެ.
މި އަހަރުގެ މިސް ޔުނިވާސް މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ މެކްސިކޯގައި އަންނަ މަހުގެ 14 ގައެވެ. އަދި ފައިނަލް ޝޯ ބޭއްވަނީ އޭގެ 2 ދުވަސް ފަހުންނެވެ.
މިއަހަރުގެ މުބާރާތުގައި ޖުމްލަ 130 ގައުމަކުން ބައިވެރިވާއިރު، މިއީ މިސް ޔުނިވާސްގެ 73 ވަނަ މުބާރާތެވެ.

