ސަރުކާރަކީ ނޫސްވެރިންނަށް ދުލާއި ގަލަމުގެ މިނިވަންކަން ފުރިހަމައަށް ދޭނެ ސަރުކާރެއްކަމަށާއި، ނޫސްވެރިންގެ ޒިންމާ އަދާކުރަން މި ސަރުކާރުން ފުރިހަމައަށް އެއްބާރުލުންދޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
ރޭ ބޭއްވި، ”11 ވަނަ ނޫސްވެރިކަމުގެ އެވޯޑް” ޙަފްލާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، މިޑިއާ ބާރުވެރިކޮށް ކުރިއެރުވުމަށް، ދިވެހީންގެ ރާއްޖެ މެނިފެސްޓޯގައި ހިމަނާފައިވާ ކަންކަން ޙާޞިލުކުރުމަށްޓަކައި ކަމާ ގުޅޭ މުވައްސަސާތަކުން ބާރު ދުވެލީގައި މަސައްކަތްކުރަމުންދާކަމަށެވެ.
އަދި މީޑިއާ އާއި ނޫސްވެރިން ބާރުވެރިކޮށް އެހީތެރިކަންފޯރުކޮށްދީ ކުރިއެރުވުމަކީ އަދުގެ ސަރުކާރުން ވަރަށް ޚާއްސަ އިސްކަމެއްދޭ ކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ޒަމާނީ ނޫސްވެރިކަމަށް އަލިއަޅުއްވާލައްވަމުން، އާޓިފިޝަލް އިންޓެލިޖަންސް އާއި އެނޫންވެސް ފަންނިއްޔާތުގެ މަންސަތަކުން ހޯދާ މަޢުލޫމާތުގެ ސައްޙަކަން ކަށަވަރުކޮށް، މީޒާން ހަމަކޮށް، ޒިންމާދާރުކަމާއި ތެދުވެރިކަމާއެކު ޒިންމާއަދާކުރުމަށް އެމަނިކުފާނު ނޫސްވެރިންނަށް އިލްތިމާސްކުރެއްވިއެވެ.
އަދި ކުށެއް ނެތް ސާފު ދިވެހިބަހުން ލިޔެ، ވާހަކަދައްކައި ހެދުމަށް، މީޑިޔާ މެދުވެރިކޮށް ރައްޔިތުންނަށް ހިތްވަރުދިނުމަށްވެސް އެމަނިކުފާނު ނޫސްވެރިންނަށް ގޮވާލެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، މަދަރުސާތަކުންނާއި ކޮލެޖު، ޔުނިވަރސިޓީތަކުން ކިޔަވައިގެން ނިކުންނަ ޤާބިލު ދަރިންގެ ތެރެއިން މޮޅެތި ނޫސްވެރިން އުފެއްދުމުގެ މުހިއްމުކަންވެސް ފާހަގަކުރައްވާފައެވެ.

