އަމިއްލަ ނަފުސަށް އިތުބާރުކޮށް، އަމިއްލަ ސިކުނޑިން ވިސްނައިގެން ހޯދި ނަތީޖާގެ ފޮނިމީރުކަން، އަމިއްލަ ނަފުސަށާއި، އާއިލާއަށާއި ގައުމަށް ހޯދައިދިނުމުގެ ވަރުގަދަ އަޒުމުގައި ކުރިއަށް ދިއުމަށް  ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ.

އެމަނިކުފާނު މިކަމަށްޓަކައިއިލްތިމާސްކުރެއްވީ، ދަރުބާރުގޭގައި މިއަދު ހެނދުނު ކުރިއަށް ދިޔަ، ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ވާހަކަފުޅުދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ދަސްވެނިންނަށް މިއަދު ލިބުނު ކާމިޔާބަކީ އެތައް ދުވަހެއްގެ މަސައްކަތާއި ގުރުބާނީކަން ފާހަގަކުރައްވައި، އެއީ އެކަމަކަށް މަސައްކަތްކުރާ އަޅުންނަށް މާތް ރަސްކަލާނގެ ތަނަވަސްކޮށްދެއްވާ ރަޙުމަތެއްކަން ހަނދާންކޮށްދެއްވިއެވެ.

އަދި މި ނަތީޖާއާއެކު އަމިއްލަ ދިރިއުޅުން އާރާސްތުކޮށް، ގައުމަށް ކޮށްދެވެން އޮތް ކަމެއްގައި ކުރިއަރާ ދިއުމުގެ އަޒުމު ވަރުގަދަ ކުރުމަށްވެސް އެމަނިކުފާނު ހިތްވަރުދެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި އަޒުމަކަށް ވާންވީ، ގޮންޖެހުންތައް އިތުރުވިކަމުގައިވިޔަސް އަމިއްލަ ނަފުސަށް އިތުބާރުކޮށް، ހެޔޮ ވިސްނުމެއްގައި، ތިމާއަކީވެސް ކަންކަން ކުރެވޭނެ މީހެއްކަމަށް ގަބޫލުކޮށްގެން މަސައްކަތުގެ ނަތީޖާ ނެރުންކަމުގައި ވިދާޅުވިއެވެ.

އަދި ދިވެއްސަކަށްވީތީ ގައުމަށް ކޮށްދޭންޖެހޭ ކަންކަމަކީ ލޯމަރާލެވެން އޮތް ކަމެއް ނޫންކަމީ، ގަބޫލުކުރަންޖެހޭ ހަގީގަތެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ގައުމު މިހާ ހިސާބަށް ގެނެސްދެއްވި އަބްތާލުންގެ ގުރުބާނީއަކީވެސް ހަނދާންނެތިކޮށްލެވޭނެ ހިދުމަތެއް ނޫންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ގައުމެއް ކުރިއަރާ ދާނީ މައިގަނޑު ދެ ގޮތަކުން ކަމަށާއި، އެއީ ފިކުރީ ގޮތުންނާއި ފެންނަން ހުންނަ ކަންކަމުން ހޯދައިގަންނަ ކުރިއެރުމުގެ ތެރެއިންކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވަނީ މި ރޮނގުން މިއަދު ރާއްޖެ ހޯދަމުންދާ ކުރިއެރުންތަކުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ.

އެގޮތުން، ރައްޔިތުން ގެދޮރުވެރިކުރުވުމަށް، ބޯހިޔާވަހިކަމުގެ ދާއިރާގައި އެކަނިވެސް 2.5 ބިލިއަން ރުފިޔާގެ ބަޖެޓެއް އިއުލާންކޮށް، އެކަމުގެ މަސައްކަތްތައް ކުރިއަށްދާކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މި މޭރުމުން ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އިގްތިސާދު ފުޅާކޮށް، މަތީ ތައުލީމުގެ ބަހާ އިތުރަށް ތަނަވަސް ކުރަމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވާފައެވެ.

އެގޮތުން ޔުނިވަރސިޓީގެ ތަމްރީނު ރިޒޯޓް ތަރައްގީ ކުރުމާއި، ފަންނުވެރި އިގްތިސާދެއް ފުޅާކުރުމާއި، އަދި ގޮންޖެހުންތަކާއި އެކުގައިވެސް ޒުވާނުންނަށް ކުރިއެރުން ކަށަވަރުކޮށްދިނުމަށް ދަޢުލަތުގެ ފެންވަރުގައި، އަދި ބައިނަލްއަގްވާމީ ފެންވަރުގައި ކުރެވެމުންދާ މަސައްކަތްތައް ރައީސުލާމްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

311 ދަސްވެނިންނަށް ސަނަދު ހަވާލުކުރެވުނު މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާވަނީ، ގައުމީ ވިސްނުމުގައި ބައިވެރިވުމަށް އެދިވަޑައިގެންފައެވެ.

އަދި މުހިންމީ އަމިއްލަ ސިކުނޑިން ވިސްނައިގެން ވަމުންދާ ގޮތް ދެނެގަތުން ކަމަށާއި، އެ މޭރުމުން ކަންކުރުމުން، ހަގީގަތް ސާފުވެގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ރައީސް ވަނީ، ދިވެހިރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ރާއްޖޭގައި ޑޮކްޓަރީ ރޮނގުން ފުރަތަމަ ޑިގްރީ ފުރިހަމަކުރި ދަރިވަރުންނަށް ސަނަދު ހަވާލުކޮށްދެއްވާފައެވެ.

އެގޮތުން ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ސްކޫލް އޮފް މެޑިސިންއިން، ފަސްޓް ޑިގްރީ އިން ޑޮކްޓަރ އޮފް މެޑިސިން ފުރިހަމަ ކުރި 21 ދަސްވެނިން ވަނީ ސަނަދު ހާސިލުކޮށްފައެވެ.

މީގެ އިތުރުން، ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީއިން ކުރިއަށް ގެންދިޔަ އެކި ކޯސްތަކުން ޝަރަފުގެ އެވޯޑް ހާސިލުކުރި ދަރިވަރުންނަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ހާއްސަ އިނާމާއި ސެޓްފިކެޓް ހަވާލުކޮށްދެއްވާފައެވެ.