ދިވެހިރާއްޖޭގައި ބާއްވާ ފުރަތަމަ ހައްޖު، އުމްރާ ކޮންފަރެންސް ފަށައިފިއެވެ.
އެއް ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ކޮންފަރެންސް ފެށުމުގެ ގޮތުން މިއަދު ހެނދުނު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.
މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފެވެ.
މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ހައްޖު އަދި އުމްރާގެ ހިދުމަތަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތްކޮށްދެއްވި ތިން ބޭފުޅެއްގެ އަގު ވަޒަންކޮށް ލިޔުމާއި ހަނދާނީ ފިިލާ ދެއްވާފައިވެއެވެ.
މި ކޮންފަރެންސްއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމެނިލައްވާ ދިވެހިރާއްޖެއިން މީހުން ހައްޖާއި އުމްރާއަށް ގެންދިއުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށްޓައި މަޝްވަރާކުރުމުގެ މަގްސަދުގައި ބާއްވާ ކޮންފަރެންސްއެކެވެ.
މީގެ އިތުރުން މި ކޮންފަރެންސް އަކީ ހައްޖު އަދި އުމްރާގެ ހިދުމަތްދޭ ކުންފުނިތަކާއި ކަމާގުޅޭ އެހެން ކުންފުނިތަކާއި ކޮންފަރެންސްގެ ތެރެއިން ގުޅުވާލައި، ހައްޖާއި އުމްރާގެ އަޅުކަމާއި ގުޅުންހުރި ހިދުމަތްތައް ފުޅާކޮށް، އުމްރާ ކުންފުނިތަކާއި ވުޒާރާއާއި އޮންނަ ގުޅުން ރަނގަޅުކޮށް، ދީނުގައި ކަނޑައަޅުއްވާފައިވާ ގޮތަށް ހައްޖާއި އުމްރާގެ އަޅުކަން އަދާކުރުމަށް ބޭނުންވާ ދީނީ މައުލޫމާތުތައްދީ މިހާރަށްވުރެ ބޮޑަށް ހޭލުންތެރިކުރުވުމުގެ މަގްސަދުގައި ބާއްވާ ކޮންފަރެންސެކެވެ.
މި ކޮންފަރެންސް ރާވާލާފައިވަނީ ހައްޖާއި އުމްރާއާއި ގުޅޭ ޕެނަލް ޑިސްކަޝަންތަކާއި ކީނޯޓު ސްޕީކަރުންގެ ވާހަކަދެއްކެވުން ހިމެނޭ ގޮތަށެވެ.
އެގޮތުން ޕެނަލް ޑިސްކަޝަންތަކުގައި ހައްޖާއި އުމްރާއާއި ގުޅުންހުރި އެކި މުއައްސަސާތަކުގެ ބޭފުޅުންނާއި، ދީނީ އިލްމުވެރިން ބައިވެރިވެލައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

