އަންނަ އަހަރަށް ލަފާކޮށް، ދައުލަތުގެ ބަޖެޓުގެ ގޮތުގައި 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބަޖެޓު ހުށަހަޅުއްވައިދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި 49.2 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކޮށްފައިވެއެވެ.

އެއީ ރިކަރަންޓް ހަރަދުގެ ގޮތުގައި 35.9 ބިލިއަން ރުފިޔާ އާއި ކެޕިޓަލް ހަރަދުގެ ގޮތުގައި ހިމެނޭ 13.3 ބިލިއަން ރުފިޔާއެވެ.

ބަޖެޓުގައި ޖުމްލަ އެހީގެ ގޮތުގައި ހިލޭ އެހީ ހިމެނޭހެން 39.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެއެވެ.

އަދި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 2.5 ބިލިއަން ރުފިޔާއެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓު ޕްރޮގްރާމް، ޕީއެސްއައިޕީއަށް ހިނގާނެ ހަރަދު ކަމަށް ލަފާކޮށްފައިވަނީ 12.4 ބިލިޔަން ރުފިޔާއެވެ.

ދަރަނި އަނބުރާ ދައްކަން އަންނަ އަހަރުގެ ބަޖެޓުގައި 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.

ބަޖެޓު ހުށަހަޅުއްވަމުން މިނިސްޓަރު ޒަމީރު ވަނީ، އަންނަ އަހަރު ރާއްޖޭގެ އިގުތިސާދު 6.4 އިންސައްތަ ކުރިއަރާނެ ކަމަށް އަންދާޒާކުރެވޭ ކަމަށް ވިދާޅުވެފައެވެ.