ސިވިލް ސަރވިސްގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ އަންނަ އަހަރު ބޮޑުކުރުމަށް، 2025 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ހިމަނައިފިއެވެ.

ރައްޔިތުންގެ މަޖިލީހަށް މިއަދު56.6 ބިލިއަން ރުފިޔާގެ ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވަނީ، މިހާތަނަށް ޕޭ ހާމަނައިޒްކޮށްފައިނުވާ ހުރިހާ ސިވިލް ސާވަންޓުންނާއި ޖުޑިޝަރީގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަތަކަށް ބަދަލު ގެނައުމަށް 500 މިލިޔަން ރުފިޔާ، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފައިވާނެ ކަމަށް ވިދާޅުވެފައެވެ.

ޒަމީރު ވިދާޅުވީ، އެހެނިހެން ހުރިހާ ދާއިރާތަކެއްގެ މުސާރަވެސް 2026 ވަނަ އަހަރާއި ހަމައަށް ބޮޑު ކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމުގައެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގެ ޖުމުލަ ހަރަދަކީ 49.2 ބިލިއަން ރުފިޔާއެވެ.

އެއީ، ރިކަރަންޓް ހަރަދުގެ ގޮތުގައި 35.9 ބިލިއަން ރުފިޔާއާއި ކެޕިޓަލް ހަރަދުގެ ގޮތުގައި 13.3 ބިލިއަން ރުފިޔާއެވެ.

އަންނަ އަހަރުގެ ޖުމުލަ އާމްދަނީއާއި ހިލޭ އެހީ 39.8 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށްވަނީ އަންދާޒާކޮށްފައެވެ. އެއީ، ހިލޭ އެހީގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ހިމަނައިގެންނެވެ.