އަންނަ ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޑިޕާޗާ ޓެކްސް އާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ ބޮޑު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މިކަމަށް ހުށަހެޅި ބިލުގައި ވަނީ އިކޮނޮމިކް ކްލާހުން ދަތުރުކުރާ ދިވެހިންގެ އަތުން ޑިޕާޗާޓެކްސް އާއި އެއާޕޯޓް ޑިވެލޮޕްމަންޓްފީގެ ގޮތުގައި މިހާރު ނަގަމުން އަންނަ 12 ޑޮލަރަށް ބަދަލު ނުގެނައި ނަމަވެސް ބިދޭސީން އަތުން ނަގަމުން އަންނަ 30 ޑޮލަރު، 50 ޑޮލަރަށް ބަދަލުކޮށްފައެވެ.

އަދި ބިޒްނަސް ކްލާހުން ދަތުރުކުރާ ދިވެހިންނާއި ބިދޭސީން އަތުން މިހާރު ނަގަމުން އަންނަ 60 ޑޮލަރު، 120 ޑޮލަރަށް، އަދި ފަސްޓް ކްލާސްއިން ދަތުރުކުރާ ފަރާތްތަކުން ނަގާ 90 ޑޮލަރު، 240 ޑޮލަރަށް ބޮޑުކުރަން ވަނީ ނިންމައިފައެވެ.

އަދި ޕްރައިވެޓް ޖެޓުން ނަމަ 480 ޑޮލަރު ނަގަން ވެސް ވަނީ ހިމަނައިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލު ފާސްކުރީ ޖަލްސާ އަށް ހާޒިރުވެވަޑައިގެން ތިއްބެވި 80 މެންބަރުންގެ ތެރެއިން 71 މެންބަރުން ވޯޓުންނެވެ.

ބިލާ ދެކޮޅަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީގެ އަށް މެންބަރުންނެވެ.