ރާއްޖޭގެ ތަރައްގީގެ ”މާސްޓަރ ޕްލޭން“ އިފްތިތާހު ކުރުމުގެ ރަސްމިއްޔާތަށް ކުރާ ހޭދައާ ގުޅޭގޮތުން ނޫހަކުން ފެތުރީ ދޮގު ޚަބަރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް 20 އަހަރު ދުވަހަށް އެކުލަވާލާ ދިވެހިރާއްޖޭގެ ގައުމީ ތަރައްްގީގެ މާސްޓަރ ޕްލޭން އިފްތިތާހު ކުރުމަށް ބާއްވާ ރަސްމިއްޔާތަށް ސަރުކާރުން ބޮޑު ހޭދައެއް ކުރާނެ ކަމަށް ރިޕޯޓު ކުރީ ”އަދަދު“ ނޫހުންނެވެ.
ހީނާ ވިދާޅުވީ، މާސްޓަރ ޕްލޭން އިފްތިތާހު ކުރުމަކީ ގާތްގަނޑަކަށް ދެލައްކަ ރުފިޔާއަށްވުރެވެސް ކުޑަ ބަޖެޓަކުން މުޅި ރާއްޖެ ޝާމިލުވާގޮތަށް ހިންގަން ރާވަމުން އަންނަ ކަމެއް ކަމަށެވެ.
”ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި އަދަދު ނޫހުންވަނީ މިފަދަ އެތައް ދޮގު މަޢުލޫމާތެއް ގަސްތުގައި ފަތުރާފައި. މިނިވަން ނޫސްވެރިކަމުގެ ޓެގް އަޅުވައިގެން މި ގައުމުގައި ދޮގު މަޢުލޫމާތު ފަތުރާ، ފިތުނަ ފަސާދަ އުފެއްދުމަށް މަސައްކަތް ނުކުރުމަށް އިލްތިމާސްކުރަން.“ ހީނާ ވިދާާޅުވިއެވެ.
ދިވެހިރާއްޖޭގެ ގައުމީ ތަރައްްގީގެ މާސްޓަރ ޕްލޭން އެކުލަވާލުމުގެ މަސައްކަތް އިފްތިތާހު ކުރުމަށް ބާއްވާ ރަސްމިއްޔާތު އަންނަ ހަފްތާގައި ބާއްވާނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.
ގައުމީ ތަރައްގީގެ މާސްޓަރ ޕްލޭން އެކުލަވައިލަން، ވަޒީރުންގެ މަޖިލީހުގެ ލަފާ ފުޅާއެކު ރައީސް ޑރ.މުހައްމަދު މުއިއްޒު ނިންމެވީ، މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ.
މި ޕްލޭނާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ކުރިން ވިދާޅުވީ ކުރިއަށްއޮތް 20 އަހަރު ދުވަހަށް ގައުމު އޮންނަންވީ ގޮތް އެމަނިކުފާނު މިހާތަނަށް ހިއްސާކުރައްވަމުން ގެންދަވާފައިވާނެކަމަށާއި ބޭނުންފުޅު ވަނީ ރައްޔިތުން ބޭނުންވާގޮތަށް މިކަންކަން ހާސިލު ކުރެއްވުންކަމުގައެވެ.
އަދި އެމަނިކުފާނު ދެކެވަޑައިގަންނަވަން ބޭނުންފުޅު ވަނީ މި މަސައްކަތް ފެށިގެންދާއިރު މިއީ ހުރިހާ ފަރާތްތަކެއްގެ ފުރިހަމަ ބައިވެރިވުން ލިބިގެން ކުރެވޭ ކަމަކަށް ވެގެންދިއުން ކަމުގައި ރައީސް ވިދާޅުވިއެވެ.
މި ޕްލޭން ހެދުމަކީ ރައީސް ރިޔާސީ ކެމްޕޭން ތެރޭގައި އަދި އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމަނާފައިވާ ވަރަށް މުހިންމު ތަރައްގީގެ ވައުދެކެވެ.

