މުސާރައިގެ ހެޔޮ ބަދަލު ދެން ގެންނާނީ ރާއްޖޭގެ ސިއްހީ ނިޒާމަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

Ads by Asuru

އެމަނިކުފާނު މިފަދައިން ވިދާޅުވީ ލ ގަމުގައި މިހާރު ކުރިއަށްދާ ތިންވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސްގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ސާލިހުގެ ވާހަކަގައި، ރާއްޖޭގެ ތައުލީމީ ނިޒާމުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނެސްފައިވާ ކަމަށާއި، މިނިމަމް ވޭޖް ކަނޑައެޅުމުން ވެސް މުސާރަތަަކަށް ރަގަޅު ބަދަލެއް އައިސްފައިވާކަމަށެވެ.

ޓީޗަރުންގެ މުސާރަ ބޮޑުކުރުމުގެ ސަބަބުން ރަގަޅު ގާބިލް ޓީޗަރުންނާއި ޕްރިންސިޕަލުން ހޯދުމަށް އޮތް ހުރަސް ނައްތާލެވިއްޖެ ދެކެވަޑައިގަންނަވާކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެކަހެރި ކުދި ރަށްތަކުގެ ސްކޫލްތައް މުޅި ދުނިޔެއާއި ވާދަކޮށް، ސިއްސައިގެން ދާވަރުގެ މަތީ ނަތީޖާތަކެއް ވެސް މިއަދު ހޯދަމުންދާ ކަމަށާއި ލާމަރުކަޒީ ރާއްޖޭގެ ޖަޒީރާގެ ކުދި ސްކޫލްތަކުން ރަންވަނަތައް ހޯދަމުންދާ ކަމަށެވެ.

މުސާރައަށް ގެންނަ ރަނގަޅު ބަދަލުތަކުގެ ސަބަބުން ރަގަޅު ނަތީޖާއެއް ނެރެވޭކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ދެން މުސާރައިގެ ހެޔޮ ބަދަލެއް ފެންނާނީ ސިއްހީ ދާއިރާގެ ތެރެއިން ކަމަށެވެ.