އާފަލު ކެއުމަކީ ޑޮކްޓަރު ދުރުކުރާ ކަމެކޭ ބުނެވެނީ ސަބަބެއް ނެތިއެއް ނޫނެވެ. މިއީ ގިނަ ގުނަ ސިއްހީ މައްސަލަތަކުން ތިބާ ދުރުކޮށްދޭނެ މޭވާއެކެވެ. ބަލި ނުވާކަމުގައި ވަނީނަމަ، ޑޮކްޓަރަށް އެޕޮއިންޓްމަންޓެއް ހައްދަން ޖެހުން މަދުވާނެ ނޫންހެއްޔެވެ؟
ދިރާސާތަކުން ދައްކާ ގޮތުގައި، ގަވައިދުން އާފަލު ކެއުމަކީ ލޭގެ ޕްރެޝަރު ދަށްކޮށްދީ، ހިތުގެ އެކި ބަލިތައް ވެސް ދުރުކޮށްދޭ ކަމެކެވެ. އޭގައި ހިމެނޭ އެންޓިއޮކްސިޑެންޓުތަކުގެ ސަބަބުން އާފަލު ކެއުމުން ކެންސަރު ބަލިން ވެސް ރައްކާތެރި ކޮށްދެއެވެ.
އާފަލުގައި ހިމެނޭ އެސިޑްގެ 90 އިންސައްތަ އަކީ މަލިކް އެސިޑެވެ.
ތަބީއީ ހަކުރުގެ ގޮތުގައި ބެލެވިފައިވާ ސަކްރޯޒް، އަދި ފަރަކްޓޯޒް ވެސް ގިނަ އަދަދަކަށް އާފަލުގައި ހުރެއެވެ. މި ތަބީއީ ހަކުރުގެ މާއްދާތަކަކީ ހަށިގަނޑަށް ގެއްލުން ހުރި އެއްޗެއް ނޫނެވެ.
އެހެންވެ، އާފަލަކީ ހަކުރު ބަލީގެ އަހުލުވެރިންނަށް ފައިދާހުރި ކާނާއެކެވެ.
މީގެ އިތުރުން އާފަލުގައި ސިޓްރިކް އެސިޑް، އަދި ޓާރޓެރިކް އެސިޑްވެސް އެކުލެވިގެން ވެއެވެ.
ފައިބަރު ގިނަ އަދަދަކަށް އެކުލެވޭތީ ބަނޑު ހިކުމުން ވެސް އާފަލު ބޭނުންކޮށް އުޅެއެވެ.
އާފަލުގައި ފްލޭވޮނޮއިޑް އަދި ވެސް އިތުރު އެންޓި އޮކްސިޑެންޓްތައް ހިމެނުމުގެ ސަބަބުން ހިތުގެ ބަލިތަކާއި ކެންސަރު ފަދަ ބަލިތަކުން މިންޖުވުމުގައި އާފަލު އެހީއަކަށް ވެއެވެ.
އަދި ފެނުގެ ބައިވެސް އާފަލުގައި ގިނަވުމުން، ހުންގަދަވުމުން އާފަލު ބޭނުންކޮށްފިނަމަ ހުން މަޑުވުމަށް ވެސް އެހީތެރި ވެދެއެވެ.
އާފަލުން ލިއްބައިދޭ އިތުރު ފައިދާތަކަށް ބަލާއިރު، ލޭގެ ޕްރެޝަރު ދަށްކުރުން، ލޭގައި ކޮލެސްޓީރޯލް ހިމެނޭ މިންވަރު ދަށްކުރުން، އަރިދަފުސް ރޯގާޖެހޭ މިންވަރު ކުޑަކުރުން، ލޭގައި ހަކުރު އެކުލެވޭ މިންވަރު ދަށްކުރުން ފަދަ ކަންތައްތައް ހިމެނެއެވެ.

