ކަސްރަތުކޮށްގެން ބަރުދަން ލުއި ކުރަން ބޭނުންވާ ގިނަ މީހުން ކުރާ ޝަކުވާއެއް އޮވެއެވެ. އެއީ ކިތަންމެ ބޭނުން ވިޔަސް ކަސްރަތު ކުރަން ވަގުތު ނުވާކަމުގެ ޝަކުވާއެވެ. އޮފީހުގެ މަސައްކަތާ ހެދި، ނުވަތަ ގޭތެރޭގެ މަސައްކަތް ގިނަ ކަމުންނެވެ.
އެހެންނަމަވެސް ހަގީގަތަކީ ބަރުދަން ލުއި ކުރުމަށް މާ ގިނައިން، ނުވަތަ ވަރުގަދަ ކަސްރަތުތަކެއް ކުރުން މުހިންމު ނުވާ ކަމެވެ.
ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި، ޖިމް އިންސްޓްރަކްޓަރެއްގެ އެހީ ނުހޯދައި، ދުވާލަކު އެންމެ 30 މިނެޓު ހިނގައިލުން ވެސް ރަނގަޅު ކަސްރަތަކަށް ފުދެއެވެ. މިއީ ބަރުދަން ލުއިކޮށްދީ، ބަނޑު ވެސް ހިންދައިލައިދޭނެ ވަރަށް މުހިންމު ކަސްރަތެކެވެ.
ހިނގުމުން ލިބޭ ފައިދާތައް
ހެލިފެލިވެ އުޅުމަކީ އިންސާނާގެ ސިއްހަތަށް އެތައް ގޮތަކުން ފައިދާވާ ކަމެކެވެ. ދީނުގައި ވެސް އިރުޝާދު ދީފައި އޮންނަނީ، ފަތިސް ނަމާދުން ދުވަސް ފަށައި ހަރަކާތްތެރިވެ އުޅުމަށެވެ. ދުވާލަކު 30 މިނެޓު ހިނގުމުގެ ފައިދާތަކަށް ބަލާއިރު، މިއީ ބަލިތަކުން ދުރުކޮށްދޭ ކަމެކެވެ.
މިގޮތުން ހަކުރު ބައްޔާއި، ބައެއް ކަހަލަ ކެންސަރު ޖެހުމުން ދުރުކޮށްދެއެވެ.
ދުވާލަކު 30 މިނެޓުވަންދެން ގަވައިދުން ހިނގުމަކީ ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށްދޭނެ ކަމެކެވެ. އެގޮތުން މޫޑް ރަނގަޅު ކޮށްދިނުމާއި، ޑިޕްރެޝަނާއި އެންޒައިޓީން ވެސް ދުރުކޮށްދެއެވެ.
ދެން އޮތީ ބަރުދަން ލުއި ކުރުމުގެ ވާހަކައެވެ. ކެއުން މަދު ނުކޮށް ބަރުދަން ލުޔެއް ނުކުރެވޭނެއެވެ. ނަމަވެސް، ކެއުން މަދު ކުރުމާއެކު، ދުވާލަކު އެންމެ 30 މިނެޓުވަންދެން ހިނގައިލިޔަސް، އެއީ ބަރުދަން ލުއި ކުރުމަށް ލިބޭ ވަރަށް ބޮޑު އެހީއަކަށް ވާނެއެވެ.
ބަރުދަން ލުއި ކުރުމުގެ ނިޔަތުގައި ހިނގާއިރު، ބާރަށް ހިނގުން މުހިންމެވެ. 30 މިނެޓުގެ ހިނގުމަކުން 100 ނުވަތަ 200 ކެލަރީ ބާން ކުރާއިރު، ބާރަށް ހިނގާނަމަ، އިތުރަށް ލުއި ވުމުގެ ފުރުސަތު އޮވެއެވެ.
ހިނގުމަކީ ބަރުދަން އިތުރުވިޔަ ނުދީ، އެއްވަރެއްގައި ހިފެހެއްޓުމަށް ވެސް ވަރަށް މުހިންމު ކަސްރަތެކެވެ.
ުހިކެން މަސައްކަތް ކުރާ މީހަކު ހަފްތާއަކު 5 ދުވަހު ހިނގަންވާނެއެވެ. 30 މިނެޓުގެ ތެރޭގައި 1.5 ނުވަތަ ދެ މޭލަށް، ނޫންނަމަ، 3000 ފިޔަވަޅު އަޅަން ވާނެއެވެ.
މަސްދަރު: މެޑިސިންނެޓް

