އިންޑިއާގެ އުއްތަރް ޕްރަދޭޝްގެ ޖާންސީ ސިޓީގެ ހޮސްޕިޓަލެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 10 ތުއްތު ކުދިން މަރުވެއްޖެއެވެ.
އަލްޖަޒީރާ ނޫހުން ބުނީ، މި މަހުގެ 15 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި، މި ހާދިސާ ހިނގައިފައި ވަނީ، އިންޑިއާގެ އުތުރުގައި އޮންނަ ޖާންސީ ސިޓީގެ މަހާރާނީ ލަކްޝްމީ ބައި މެޑިކަލް ކޮލެޖުގެ ނިއޯނޭޓަލް އިންޓެންސިވް ކެއާ ޔުނިޓް (އެންއައިސީޔޫ) ގައެވެ.
ހާދިސާ ހިނގި ވަގުތުގައި އެންއައިސީޔޫގައި 49 ކުއްޖަކު ތިއްބެވެ. އެތަނުން ސަލާމަތް ކުރެވުނީ 38 ކުދިންނެވެ.
މި ހާދިސާގައި ޒަހަމް ލިބުނު 17 ކުއްޖަކަށް ފަރުވާ ވެސް ދީފައިވެއެވެ.
އެންއައިސީޔޫގައި އަލިފާން ރޯވާން ދިމާވި ސަބަބު ސާފު ނުވާއިރު، މިއީ ކަރަންޓު ޝޯޓެއްގެ ސަބަބުން ހިނގި ކަމެއް ކަމަށް ބެލެވޭ ކަމުގައި އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓު ކޮށްފައިވެއެވެ.

