ތިން ފުލުހަކަށް ހަމަލާދިން މައްސަލައިގައި އިތުރު މީހަކު ހައްޔަރު ކޮށްފިއެވެ.

Ads by Asuru

ފުލުހުން ބުނީ، މިދިޔަ ހުކުރު ދުވަހު ތިން ފުލުހަކަށް ހަމަލާދިން މައްސަލައާ ގުޅިގެން، އިތުރު މީހަކު ހައްޔަރުކޮށްފައިވާ ކަަމަށެވެ.

އެގޮތުން، ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރީ އުމުރުން 20 އަހަރުގެ މީހެއް ކަމަށްވެސް ފުލުހުން ހާމަކުރެއެވެ. މި މައްސަލައިގައި ފުލުހުން މީގެ ކުރިން ވަނީ ދެމީހަކު ހައްޔަރުކޮށްފައެވެ.

ކުރިން ހައްޔަރުކުރި ދެމީހުންގެ ބަންދަށް ކޯޓުން ވަނީ، ޝަރީއަތް ނިމެންދެން ބަންދުގެ މުއްދަތު ދީފައެވެ.

ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ފުލުހުންތަކަކަށް މި ހަމަލާދިނީ މާލޭގައި ނަން މަޝްހޫރު ގޭންގަކުންކަން ވަނީ އެނގިފައެވެ. މި ހަމަލާ އެ ފުލުހުންނަށް ދިނީ ފުލުހުންގެ އެ ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނެއްގައި، ގޭންގަށް ނިސްބަތްވާ ބަޔަކަށް އަނިޔާކުރިކަމަށް ބުނެއެވެ.

މިކަމާ ގުޅިގެން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވަނީ ގޭންގުތަކަށް އިންޒާރު ދެއްވައި، ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ.