ދޮންކޭލަކީ ރާއްޖޭގެ ރަށްރަށުގައި ގިނައިން ލިބެން ހުންނަ، ދިވެހީންގެ ތެރޭގައި މަގުބޫލު މޭވާއެކެވެ.

މި މީރު މޭވާ ކެއުން އެދެވިގެންވަނީ، ހަށިގަނޑަށް ގިނަ ގުނަ ފައިދާތައް ލިއްބައިދޭތީއެވެ.

ދޮންކޭލުން ހަށިގަނޑަށް ބޭނުންވާ ހަކަތަ އުފައްދައިދެއެވެ. ދޮންކޭލުގައި ވިޓަމިންގެ އިތުރުން މިނެރަލްސް އާއި ކާބޯ ހައިޑްރޭޓްސް އެކުލެވިފައިވުމުން ގުދުރަތީ ހަކަތަ އުފައްދައިދެއެވެ.

ހަމަ އެހެންމެ ހަށިގަނޑަށް ބޭނުންވާ ގުދުރަތީ ހަކުރުގެ ތިން ބާވަތް އެކުލެވިގެންވާތީ ހަކަތަ ހޯދުމަށް ދޮންކޭލާ ވާދަކުރެވޭވަރުގެ އެހެން މޭވާއެއް ނުހުންނާނެއެވެ.  ދެވަށް ދޮންކޭލުގައި 90 މިނިޓް ވަންދެން ކަސްރަތު ކުރެވޭ ވަރުގެ ހަކަތަ ހުންނާނެއެވެ. ހަކަތަ ބޭނުންވާ ކަމެއް ނުވަތަ މަސައްކަތެއް ކުރަން ބޭނުންވެއްޖެނަމަ ދެވަށް ދޮންކެޔޮކާން ހަނދާން ބަހައްޓާށެވެ. ވަރުބަލި ނުވެ ގިނަ ވަގުތު އެމަސައްކަތުގައި އުޅޭވޭނެއެވެ.

ދޮންކޭލުގެ ފައިދާއަށް ބަލާ އިރު އެއީ ދަގަނޑު ވަރަށް ގިނައިން އެކުލެވޭ މޭވާއެވެ. ލޭމަދުވުމުންވެސް ބޭނުންކުރެވިދާނެ ރަނގަޅު މޭވާ އެކެވެ.

މީގެ އިތުރުން ދޮންކޭލުގައި ހިމެނޭ ވިޓަމިން ބީ 6 އަކީ ހަށިގަނޑަށް ވަންނަ ބީރައްޓަހި މާއްދާތަކާ ދެކޮޅަށް ހަށިގަނޑު ދިފާއުކުރުމަށް ބޭނުންވާ އެންޓިބޮޑީޒް ތައް އުފައްދައިދިނުމަށް އެހީތެރިވެދޭ މާއްދާ އެކެވެ.

ބޭރަށް ހިންގުމުގެ ސަބަބުން ބީވެގެންދާ ލޮނުގެ ބައި ފޫބެއްދުމަށް ވެސް ދޮންކެޔޮ ވަރެެއް ނެތެވެ. މީގެ އިތުރުން ޕޮޓޭސިއަމް އަކީ ކަށިތަކާއި ދަތްތައް ވަރުގަދަކޮށް ހުރުމަށް އެހީތެރިވެދޭ މާއްދާ އެކެވެ. އެ ބާވަތް ދޮންކޭލުގައި ގިނަ އަދަދަކަށް ހުރެއެވެ.