ކޮންމެ ބަޔަކުވެސް ވެރިކަން ލިބުނީމަ، ކޯލިޝަނެއް އޮންނަކަން ނުދަންނަ ކަަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެެއެެވެ.

Ads by Asuru

އޭނާ މިހެން ވިދާޅުވެފައިވަނީ ރާއްޖެ ޓީވީގެ ”ފަށާއިރު“ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. ގާސިމް ވިދާޅުވީ 2008 ވަނަ އަހަރުގައި އަލަށް އެކުލަވައިލި ފެހި ގާނޫނު އަސާސީގެ ދަށުން، ވެރިކަން ކުރަން ފެށިފަހުން، ކޮންމެ ބަޔަކަށްވެސް ރިޔާސީ ރޭސް ކާމިޔާބު ކުރެވެނީ ބަޔަކާއެކުގައި ކޯލިޝަން ހަދައިގެން ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް މިކަން މިނޫން ގޮތަކަށް ވެގެންދާނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަަމަށްވެސް ވިދާޅުވިއެވެ.

ގާސިމް ވަނީ ކޯލިޝަން ހަދައިގެން ވެރިކަން ލިބޭ ފަހުން ”ކޮންމެ ބަޔަކަށްވެސް“ ކޯލިޝަން އޮތުމެކޭ، ނެތުމެކޭ އެއްވަރު ކަމަށްވެސް ވިދާޅުވެފައެވެ.

”ސަރުކާރަކުން އަދި ނުއެއް ބުނޭ، އެމްޑީޕީއަކުންނެއް، ރަސްމީ ސިފައެއްގައި ކޯލިޝަނެއް ނެތެކޭ. އެކަމަކު ދެން ހަގީގަތަކީ އެއްބަސްވެފައި އޮތް އެއްބަސްވުމާ ގާތަކަށްވެސް، 90 ޕަސެންޓުވެސް އޮތީ ފުލްފިލްނުވެ.“ ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ކުރީ ދެ ސަރުކާރަށްވުރެ، މި ސަރުކާރު ރަނގަޅު ކަމަށާއި، ކޯލިޝަން ނެތްކަމަށް ރަސްމީކޮށް ނުބުނެ، ކޯލިޝަން ދަމަހައްޓަމުން އަންނަ ކަމަށެވެ.