އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އިން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރުކުރުމަށް އިއްޔެ ނެރުނު އަމުރަކީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާފައިވާ ހަނގުރާމައިގެ ޖަރީމާތަކަށާއި އިންސާނިއްޔަތާ ހިލާފު އަމަލުތަކަށް ޖަވާބުދާރީ ކުރުވުން ކަށަވަރު ކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރޭ އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާފައިވާ ހަނގުރާމައިގެ ޖަރީމާތަކަށާއި އިންސާނިއްޔަތާ ހިލާފު އަމަލުތަކާ ގުޅިގެން ނަތަންޔާހޫ ހައްޔަރު ކުރުމަށް އައިސީސީން ނެރެފައިވާ އަމުރަށް ރާއްޖެއިން ފުރިހަމައަށް އިހުތިރާމު ކުރާނެ ކަމަށެވެެ.

”ރާއްޖެއިން އައިސީސީގެ ނިންމުމަށް އިޙުތިރާމުކޮށް، ކޯޓުގެ ނިންމުން ތަންފީޒުކުރުމުގެ މުހިންމުކަން ފާހަގަކުރަން،“ އެ މަނިކުފާނު ވިދާޅުވިއެވެ.

އައިސީސީން ވަނީ ނަތަންޔާހޫގެ އިތުރުން އިޒްރޭލުގެ ކުރީގެ ޑިފެންސް މިނިސްޓަރު ވެސް ހައްޔަރުކުރުމަށް އަމުރެއް ނެރެފައެވެ.

އެ އަމުރުގައި ވަނީ ހައްޔަރުކުރަން އަމުރު ނެރެނީ އޮކްޓޯބަރު 8، 2023އާއި މިއަހަރުގެ މެއި މަހުގެ 20އާ ހަމައަށް ހިންގައިފައިވާ ހަނގުރާމައިގެ އާއި އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކުގެ ތުހުމަތުގައި ކަމަަށެވެ.