އަންނަ އަހަރު ދީނީ ހޭލުންތެރިކަން އިތުރު ކުރުމަށް ކުރާ މަސައްކަތުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ނަމާދަށް ލޯބި ޖެއްސުމަށް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ޝަހީމް ވިދާޅުވީ، 2025 ވަނަ އަހަރު އިސްލާމިކް މިނިސްޓްރީން ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްލޭންގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ހުރިހާ ސަރަހައްދެއްގައި ވެސް ހުރިހާ އުމުރުފުރައަށް އަމާޒުކޮށް ނަމާދު ކުރަން އަހުލުވެރިކުރުވުމަށާއި ނަމާދަށް ލޯބި ޖެއްސުމަށް ކަމަށެވެ.

ދީނީ ހޭލުންތެރިކަން އިތުރު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ދީނީ ކަންކަމަށް ރައްޔިތުން ހޭލުންތެރިކުރުވުމުގައި ހަރަކާތްތެރިވާ ޖަމުއިއްޔާތަކުން މާލީ ގޮތުން އަދި ވަސީލަތް ހޯދުމަށް އިސްލާމިކް މިނިސްޓްރީން އެހީވުމަށް ވަނީ ހުޅުވައިލައިފައެވެ.

ދީނީ އެއްބައިވަންތަކަން ދެމެހެއްޓުމުގައި ރާއްޖޭގައި މަސައްކަތްކުރާ ދީނީ ޖަމުއިއްޔާތަކުގެ ދައުރު ވަރަށް ބޮޑު ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.