ކ. ގުޅިން ފާނަބަސަންދުގެ 11 ކޭސް ފެނިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެ އެޖެންސީން އިއްޔެ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ފާނަބަސަންދުގެ ކޭސްތައް ރާއްޖޭގެ އެކި ހިސާބުތަކުން ކޮންމެ އަހަރަކު ވެސް އާންމުކޮށް ފެންނަ ކަމަށެވެ.
އެގޮތުން މިމަހުގެ ނިޔަލަށް މުޅި ރާއްޖެއިން ވަނީ ފާނަބަސަންދުގެ 2،977 ކޭސް ފެނިފައި ކަމަށް އެޗްޕީއޭއިން ބުންޏެވެ.
އޭގެ ތެރެއިގައި ހިމެނެނީ މާލޭ ސަރަހައްދުން ފެނުނު 1،506 ކޭސް އަދި އަތޮޅުތަކުން ފެނުނު 1،471 ކޭސް ކަމަށް އެޗްޕީއޭއިން ބުންޏެވެ.
އެޗްޕީއޭއިން ބުނީ ގުޅިން މިމަހު 11 މީހަކު ފާނަބަސަންދަށް ޕޮޒިޓިވް ވެގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އޭގެ ތެރެއިން ދެ މީހަކަށް އައިޖީއެމްއެޗްގައި އެޑްމިޓުކޮށްގެން ފަރުވާދެމުންދާ ކަމަށްވެސް އެޗްޕީއޭ އިން ބުންޏެވެ.
އެޗްޕީއޭއިން ބުނީ ފާނަބަސަންދުން ރައްކާތެރިވުމަށް ޗިކަންޕޮކްސް ވެކްސިން ޖެހުން މުހިންމު ކަމަށާއި އެ ވެކްސިން ފާމަސީތަކުން ލިބެން ހުންނާނެ ކަމަށެވެ.

