2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ހަމައަށްދާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުއަށް ރާއްޖޭގައި އޮންނަ ތާއީދު މިހާރަށްވުރެ ބޮޑުވާނެ ކަމަށް ކޮންގްރެސް ޕާޓީގެ ޗެއާޕާސަން، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.

އެ ޕާޓީގެ އެތެރޭގެ އިންތިހާބާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް އިއްޔެ ބޭއްވެވި ނޫޫސްވެރިންގެ ބައްދަލުވުމުގައި، ދެން އޮންނަ ރިޔާސީ އިންތިހާބެއްގައި ކުރީގެ ރައީސް ޔާމީން ވާދަ ކުރެއްވުމާ ގުޅޭގޮތުން ނޫޫސްވެރިޔަކު ސުވާލު ކުރުމުން އަބްދުއްރަހީމް ވިދާޅުވީ، އިންތިހާބުގައި ވާދަ ކުރުމަށް ޝަރުތު ހަމަވާ ކޮންމެ މީހަކަށް ވެސް އެ ހައްގު ލިބިގެންވާ ކަމަށާއި، އެގޮތުގެ މަތީން، ރައީސް ޔާމީނަށް ވެސް އިންތިހާބުގައި ވާދަ ކުރެއްވޭނެ ކަމަށެވެ.

އެމަނިކުފާނަށް ވާދަ ކުރެއްވުމަކީ، ޕީއެންސީން ކަންބޮޑުވާނެ ކަމެއް ނޫން ކަމަށާއި، އެ ޕާޓީން މަސައްކަތް ކުރަމުންދާނީ، އެ ޕާޓީގެ ކެންޑިޑޭޓަށް ކާމިޔާބު ހޯދައިދޭން ކަމުގައި ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

”އަޅުގަނޑަށް އޮތް ޔަގީންކަމަކީ، އަޅުގަނޑުމެންގެ ސަރުކާރަށް ފަސް އަހަރު ވެގެން، 2028 ވަނަ އަހަރުގައި ކުރިމަތިލައްވާއިރު، މިހާރު މި ހުންނެވި ރައީސް ޑރ.މުހައްމަދު މުއިއްޒަށް އޮތް ތާއީދު، މި ރާއްޖޭގައި ބޮޑުވާނެކަން.“ އަބްދުއްރަހީމް ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، ރިޔާސީ އިންތިހާބަށް އަދި 04 އަހަރު އެބައޮތް ކަމަށާއި، އެ މުއްދަތުގެ ތެރޭގައި ސިޔާސީ މަސްރަހަށް ބަދަލުތައް އަންނާނެތީ، ރައީސް ޔާމީން އިންތިހާބުގައި ވާދަ ކުރެއްވުމަކީ ގޮންޖެހުމެއްތޯ ނުވަތަ ނޫންތޯ ދަންނަވަން ދަތި ކަމުގައެވެ.