ދިވެހިރާއްޖެ މަސްތުވާތަކެތިން ސަލާމަތް ކުރުމަކީ ސަރުކާރުން އެންމެ އިސްކަންދޭ ކަންތައް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، މިއަދުގެ ވަގުތެއްގައި ރާއްޖޭގެ ސަލާމަތީ ހިދުމަތްތަކުން 468.6 ކިލޯގްރާމުގެ މަސްތުވާތަކެތި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަތުލައިގެންފައިވާކަން ފާހަގަކުރައްވައިފައެވެ.

”މިތަކެތީގެ މަގުމަތީ އަގަކީ ގާތްގަނޑަކަށް އެއް ބިލިއަން ދިވެހި ރުފިޔާ. ދިވެހިރާއްޖެ މަސްތުވާތަކެތިން އެއްކޮށް ސަލާމަތްކުރުމަކީ އަޅުގަނޑުމެން އެއްމެ އިސްކަންދޭ އެއްކަންތައް.“ އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވަނީ، ގާނޫނު ތަންފީޒުކުރާ މުއައްސަސާތަކުން މިދާއިރާއިން ކުރަމުންގެންދާ ބުރަމަސައްކަތް ފާހަގަކުރައްވައި، އެފަރާތްތަކަށް ޝުކުރު ދަންނަވައިފައެވެ.

ގަވާއިދާ ހިލާފަށް ރާއްޖެ އައި ސްރީލަންކާގެ މަސްބޯޓަކުން 468.6 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފައިވެއެވެ.

މިއަދު ހަވީރު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ އެ ބޯޓުން ފެނިފައިވަނީ 344 ކިލޯގެ މެތު، 124.6 ކިލޯގެ ކޮކެއިން ކަމަށާއި އެ ތަކެތީގެ މަގުމަތީގެ އަގު 1 ބިލިއަން ރުފިޔާއަށް އަރާކަމަށެވެ.

ޝުޖާއު އިތުރަށް ވިދާޅުވީ އެ ބޯޓު ރޭ ކޯސްޓުގާޑުގެ ބެލުމުގެ ދަށަށް ގެންގޮސް މިއަދު ހެނދުނު ހދ. ކުޅުދުއްފުއްޓަށް ގެންގޮސްފައިވާ ކަމަށެވެ.

މީގެއިތުރުން ޝުޖާއު ވިދާޅުވީ ”އަށެންކުތަ“ ނަމަކަށް ކިޔާ އެ ބޯޓުގައި ތިބީ ލަންކާގެ 5 ފިރިހެނުން ކަމަށާއި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާ ކަމަށެވެ.