ގދ.ތިނަދޫގެ އާބާދީގައި 10,000 މީހުން ހަމަނުވަނީސް، ސިޓީއެއްގެ ދަރަޖަ ދީފައިވާތީ އެކަން ބާތިލުކުރަން އެދި ހައިކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅަފިއެވެ.
މި މައްސަލަ ހުށަހެޅުއްވީ އެންވަޔަރަމެންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަދިގާނޫނީ ވަކީލު މުހައްމަދު ރާގިބެވެ.
އޭނާ ވިދާޅުވި ގޮތުގައި ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދީފައި ވަނީ ސިޓީއަކަށް ޝަރުތު ހަމަވާ ކަންކަމަށް ރިއާޔަތްނުކޮށެވެ.
އެގޮތުން ސިޓީއެެއްގެ ދަރަޖަ ދިނުމުގައި 10،000 މީހުންގެ އާބާދީއަށް އޮންނަން ޖެހޭ އިރު، އެ ޝަރުތު ތިނަދޫގައި ހަމަ ނުވާ ކަމަށް ރާގިބު ވިދާޅުވިއެވެ.
އެ ރަށުގެ އާބާދީގެ އަދަދު ހޯދަން މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން ޑީއެންއާރް) އަށް ހުށަހެޅުމުން އެ ތަނުން ލިބުނު މައުލޫމާތުން އެނގޭ ގޮތުގައި ތިނަދޫގެ އާބާދީއަކީ 7،000އެވެ.
އެހެންވެ، ގާނޫނުގައިވާ މިންގަނޑަށް ނުފެތެނީސް ތިނަދޫއަށް ސިޓީގެ ދަރަޖަ ދީފައި ވަނީ ކައުންސިލުން އޮޅުވާލި ލިސްޓަށް ބަލައިގެން ކަމަށް ރާގިބު ވިދާޅުވިއެވެ.
އަދި އެއީ ދައުލަތުގެ ލިޔުމެއް ގަސްދުގައި އޮޅުވާލައި، ދައުލަތުގެ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުން ކަމަށްވާތީ ކައުންސިލާއި ކުރީގެ ރައީސުލްޖުމްހޫރިއްޔާގެ މައްސަލަ ބަލަން ރާގިބު ހުށަހެޅުއްވި މައްސަލަގައި އެދިވަޑައިގެންފައިވެއެވެ.
ނަމަވެސް އެ މައްސަލަ ހައި ކޯޓުން ބަލައި ގަތުމާ މެދު އަދި ގޮތެއް ނުނިންމައެވެ.
ތިނަދޫ އަށް ސިޓީއެއްގެ ދަރަޖަ ދިނީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ރައީސްގެ ގަރާރަކުން އޮގަސްޓް މަހުގެ 30 ގައެވެ. ނަމަވެސް އެއީ އަވަސް އަރުވާލައިގެން، އެ ރަށުގެ ރައްޔިތުންގެ ތާއީދު ހޯދުމަށް ކުރީ ސަރުކާރުން ކުރި ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ.


ކޮންމެ މީހަކު ކުރިޔަސް ނުބައިކަމެއް ވާނީ ހަމަ ނުބައި ކަމަކަށް.