ތަދުކަނޑުވަން ބޭނުންކުރާ ދެ ބޭހެއް ރާއްޖޭގައި ވިއްކުން މަނާކޮށްފިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނީ ރާއްޖޭގައި ހުންނަ ބޭހަކީ ފެންވަރު ރަނގަޅު ރައްކާތެރި ބޭސްތޯ ކަށަވަރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

އަދި އެ މަސައްކަތުގެ ތެރެއިން ރާއްޖޭގެ މާކެޓުން ސާމްޕަަލްނަގައި ސްކްރީންކުރި އިރު ތަދު ކެނޑުވުމަށް ބޭނުންކުރާ ޕާކިސްތާނުގެ އެފްރޯޒާ ކެމިކަލް އިންޑަސްޓްރީގައި އުފައްދާ މެފްނެކް ސަސްޕެންޝަން ސިރަޕާއި އަދި މެލޭޝިޔާގެ ކޮޓްރާ ފާމާގެ އެކްސެލް މެފެނެމިކް އެސިޑް, ސަސްޕެންޝަން ސިރަޕް ޑައިތީލައިން ގްލައިކޯލް އަދި އިތައިލީން ގްލައިކޯލްއަށް ޕޮޒިޓިވްވެފައިވާ ކަމަށް އެމްއެފްޑީއޭއިން ބުނެފައި ވެއެވެ.

އެ އިދާރާ އިން ބުނީ، އޭގެ ނަތީޖާ ކަށަވަރުކުރުމަށް ދެ ބޭހުގެ ސާމްޕަލް ރާއްޖެއިން ބޭރަށް ފޮނުވަން މަސައްކަތް ކުރަމުންދާ ކަަމަށެވެ.

އެހެންވެ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ދެ ބޭހުގެ އެއްވެސް ބެޗެއް އެ އޮތޯރިޓީން ވަކި ގޮތެއް އަންގަންދެން ރާއްޖެއަށް އެތެރެކުރުމާއި ވިއްކުމާއި ބޭނުންކުރުން ވަގުތީ ގޮތުން މަނާކޮށްފައިވާ ކަމަށް އެމްއެފްޑީއޭއިން ވަނީ ބުނެފައެވެ.

”އެހެންކަމުން މިވަގުތު ބޭސް ފިހާރަތަކާއި ބޭސް ގުދަންތަކުގައި ހުރި މި ދެ ބޭސް ސްޓޮކާއި ވަކިކޮށްގެން ބެހެއްޓުމަށް ދަންނަވަމެވެ.“

އެމްއެފްޑީއޭގެ ބަޔާނުގައި ބުނެފައި ވެއެވެ.