ބޭރު ފައިސާއާބެހޭ ބިލު އެކުލަވައިލުމުގެ މަސައްކަތް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ) އާއި ކަމާބެހޭ މުއައްސަސާތަކާއި ގުޅިގެެން ފަށައިފިއެވެ.
ބޭރު ފައިސާއާބެހޭ ކަންކަން ހަރުދަނާކުރުމަށް އެކުލަވާލަމުންދާ ބޭރު ފައިސާއާބެހޭ ބިލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާ ކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ.
އަދި މި ބިލަށް ކަމާގުޅޭ ފަރާތްތަކުގެ ހިޔާލު ހޯދުމަށް ފޮނުވާފައިވާކަން ފާހަގަކޮށް، އެ އޮތޯރިޓީން ބުނީ، މި ބިލަކީ ވިޔަފާރިތަކާއި ރައްޔިތުންގެ ލާބައާއި މަންފާއާ ގުޅިފައިވާ ބިލަކަށް ވާތީ ވިޔަފާރިތަކުންނާއި އާންމު ރައްޔިތުންގެ ހިޔާލު ހޯދަން ބޭނުންވާ ކަމަށެވެ.
އެހެންކަމުން ބޭރު ފައިސާއާބެހޭ ބިލަށް އާންމުންގެ ހިޔާލު ހުށަހެޅުމުގެ ފުރުސަތު 1 ޑިސެންބަރުގެ 14:00އާ ހަމައަށް ވަނީ ހުޅުވައިލައިފައެވެ.
އަދި މި ބިލަށް ހިޔާލު ހުށަހަޅަންޖެހޭނީ foreignexchange@mma.gov.mv އަށް އީ-މެއިލްކޮށްގެންކަމަށްވެސް އެމްއެމްއޭއިން ވަނީ ބުނެފައެވެ.
މި ބިލުގައި ވަނީ ބޭރު ފައިސާއާ ގުޅޭ ގަވައިދުގައިވާ ބައެއް ކަންކަމަށް ބަދަލު ގެނެސްފައެވެ. އެގޮތުން، ބިލުގައި ވަނީ ބޭރު ފައިސާ މާރުކުރުމުން އިސްތިސްނާވާ ފަރާތްތަކާއި ހާލަތްތަކެއް ހިމަނައިފައެވެ.
އޭގެ ތެރޭގައި:
1. ގިނަވެގެން 24 ގަޑިއިރު ހޭދަކޮށްފައި ނުވާ ޓޫރިސްޓުން
2. އުމުރުން ދެ އަހަރު ފުރިހަމަނުވާ ކުޑަކުދިން
3. އެ ޓޫރިޒަމް އެސްޓަބްލިޝްމެންޓްގައި ހިލޭ ނުވަތަ ކޮމްޕްލިމެންޓްރީކޮށް ތިބޭ ފަރާތްތައް
އެމްއެމްއޭއިން ބުނީ މި ބިލުގެ މަގުސަދަކީ މިދިޔަ މަހުގެ އެއް ވަނަ ދުވަހު އަމަލުކުރަން ފެށި ބޭރު ފައިސާގެ ގަވައިދު ހަރުދަނާކުރުން ކަމަށެވެ. އަދި މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ފާސްކުރެވެންދެން، މިހާރު އޮތް ގަވައިދަށް އަމަލުކުރަމުންދާނެކަން ފާހަގަކޮށްފައިވެއެވެ.

