އިލެކްޝަންސް ކޮމިޝަންގެ ގާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފިއެވެ.

މި ބިލަކީ، މި މަހުގެ 25 ވީ ހޯމަ ދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 53 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

މި ބިލުން، ދިވެހިރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުގެ ރައީސާއި ނާއިބު ރައީސް އައްޔަންކުރުމުގެ ޒިންމާއަކީ ރައީސް މުއިއްޒުގެ ޒިންމާއެއްގެ ގޮތުގައި ކަނޑައަޅައިފައިވެއެވެ.

އެގޮތުން، އިލެކްޝަންސް ކޮމިޝަންގެ ރައީސާއި ނާއިބު ރައީސްގެ މަގާމަށް އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ، ކޮމިޝަނުގެ މެންބަރުންގެ ތެރެއިން ހުށަހަޅާ ނަންތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރާ މީހަކު، ކޮމިޝަނުގެ ރައީސްކަމުގެ މަގާމަށް ނުވަތަ ނާއިބު ރައީސްގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ.

އަދި، މި އިސްލާހުގައި، ކޮމިޝަނުގެ ރައީސް ނުވަތަ ނާއިބު ރައީސް މަގާމުން އިސްތިއުފާދޭން ބޭނުންވެއްޖެ ހާލަތުގައި، ސިޓީއަކުން އެކަން ބަޔާންކޮށް، ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައި، އެ ސިޓީ ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން، ކޮމިޝަނުގެ ރައީސްކަމުގެ މަގާމުން ނުވަތަ ނާއިބު ރައީސްކަމުގެ މަގާމުން އެ މީހަކު ވަކިވީކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.

މި އިސްލާހަށް އަމަލުކުރަން ފެށުމުގެ ކުރިން ކޮމިޝަނުގެ ރައީސާއި ނައިބު ރައީސްގެ މަގާމަށް އައްޔަންކޮށްފައިވާ މެންބަރުން، ގާނޫނުގައިވާ ގޮތުގެ މަތީން ވަކިވަންދެން އެ މަގާމުގައި ދެމިތިބޭނެ ކަމަށް ވެސް މި އިސްލާހުގައިވެއެވެ.

މި ބިލު، ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމާ ގުޅިގެން، މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރައްވައިފައެވެ.