ދައުލަތުގެ ދަރަންޏާބެހޭ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، މިއަދު ތަސްދީގު ކުރައްވައިފިއެވެ.

މި ބިލަކީ، 2024 ނޮވެންބަރު 27 ވީ ބުދަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 55 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

މި ބިލަށް ބަލާއިރު، މި ގާނޫނުގެ މައިގަނޑު އެއް މަގުސަދަކީ، ދައުލަތުގެ އެކިއެކި ބޭނުންތަކަށް ފައިސާ ހޯދުމަށްޓަކައި، ދަރަނީގެ ހިރާސްތަކަށް ރިއާޔަތްކުރެވިގެން އަދި އެންމެ ޚަރަދުކުޑަވާނެ ގޮތަކަށް، ދިވެހިރާއްޖޭގެ އެތެރެއިންނާއި ދިވެހިރާއްޖެއިން ބޭރުން، ދައުލަތުގެ ނަމުގައި ދަރަނި ނެގުމުގައި ސަރުކާރު ބާރުވެރިކުރުވުމެވެ.

އެގޮތުން، ދައުލަތުން ދަރަނި ނަގައި ބަލަހައްޓައި މެނޭޖުކުރާނީ، ގައުމުގެ އިގްތިސާދަށާއި މުސްތަގްބަލުގެ ޖީލުތަކަށް ކުރާނެ އަސަރު ވަޒަންކުރެވިގެންކަމަށާއި، އަދި ގައުމުގެ އިގްތިސާދީ ފުދުންތެރިކަމާއި، ދައުލަތުގެ ފިސްކަލް ނިޒާމާއި މާލިއްޔަތުގެ ނިޒާމު، ދިގު މުއްދަތަކަށް ދެމެހެއްޓޭނެ ގޮތެއްގެ މަތީން ކަމަށް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.

ހަމަ އެހެންމެ، މި ބިލުގައި ދައުލަތުގެ މެދުރާސްތާގެ ދަރަނީގެ ސްޓްރެޓަޖީ އެކުލަވައިލައި އެ ސްޓްރެޓަޖީ ތަންފީޒުކުރުމާގުޅޭ އުސޫލުތަކާއި، ދައުލަތުން ދަރަނީގެ ގޮތުގައި ނެގޭނެ އިންސްޓްރޫމަންޓްތައް ވަނީ ކަނޑައަޅައިފައެވެ.

މި ބިލުގެ ދަށުން ސަރުކާރުގެ ދަރަނި ބެލެހެއްޓުމަށާއި، މިނިސްޓަރ އޮފް ފިނޭންސް ކުރައްވަން ޖެހިވަޑައިގަންނަވާ ކަންކަން ކުރެއްވުމަށާއި، ދައުލަތުގެ ދަރަނި ބަލަހައްޓައި މެނޭޖުކުރުމަށްޓަކައި، މި ގާނޫނަށް އަމަލުކުރަން ފަށާތާ 6 މަސްދުވަހުގެ ތެރޭގައި، ”ޑެޓް މެނޭޖްމަންޓް ޑިޕާޓްމަންޓް“ ގެ ނަމުގައި މިނިސްޓްރީ އޮފް ފިނޭންސްގެ ދަށުން ހިނގާނެ އިދާރާއެއް އުފައްދައި، މިނިސްޓްރީގެ ދަށުން މިހާރު ހިނގަމުން އަންނަ މިނިސްޓްރީގެ ”ޑެޓް މެނޭޖްމަންޓް ޑިޕާޓްމަންޓް“ ގެ އެންމެހައި ޒިންމާތަކާއި ވަސީލަތްތަކާއި، އިލްތިޒާމްތައް އެ އިދާރާއަށް ބަދަލުކުރާގޮތަށް ވަނީ ކަނޑައަޅައިފައެވެ.

ދައުލަތުގެ ދަރަންޏާބެހޭ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމާއި ގުޅިގެން މި ގާނޫނު، މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރައްވައިފައެވެ.

މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ ތަސްދީގު ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ތާރީހުން ފެށިގެން 6 މަސްދުވަސް ފަހުންނެވެ.