ކެންސަރުގެ ފަރުވާއަށް އެންސްޕާއިން މީހަކަށް ދިން އެހީގެ ތަފްސީލީ މައުލޫމާތު ހާމަކުރެވިފައިވާތީ، ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން މައާފަށް އެދިއްޖެއެވެ.

ކެންސަރުގެ ބަލި ޖެހިފައިވާ މީހަކު އިންޑިއާއަށް ފަރުވާއަށް ދިއުމަށް ނިމިގެން ދިޔަ ސަރުކާރުގައި ދިޔައިރު އެހީތެރިއާއަށް ޓިކެޓްގެ އިތުރުން އެހީގެ ގޮތުގައި 1000 ޑޮލަރު ދިން ކަމަށާއި ނަމަވެސް މި ސަރުކާރުން ވެރިކަަމަށް އައުމަށް ފަހު އެ އަދަދު ވަރަށް ބޮޑަށް ކުޑަވެފައިވާ ކަމަށް ބުނެ ސޯޝަލް މީޑީއާގައި މީހަކު ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ.

ނަމަވެސް އެންސްޕާއިން އެ މީހާގެ ވާހަކަތައް ދޮގުކޮށް އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އޭނާއަށް 9 ފަހަރު އެންސްޕާއިން އެހީތެރިކަން ފޯރުކޮށްދިން ކަމަށެވެ.

އަދި އެއިން އެއްވެސް ފަހަރަކު އޭނާއަށް 1000 ޑޮލަރު އެހީގެ ގޮތުގައި ދީފައި ނެތް ކަމަށެވެ.

އެ ބަޔާނުގައި އެ މީހާގެ ނަމެއް ހާމަކޮށްފައި ނުވި ނަމަވެސް ދިން އެހީގެ ތަފްސީލު ހާމަކޮށްފައިވާތީ ބައެއް މީހުންގެ ފާޑު ކިޔުން އަމާޒުވިއެވެ.

އެހެންވެ، އެންސްޕާ އިން ރޭ ވަނީ ޕޭޝަންޓުގެ މައުލޫމާތު ހާމަކުރެވުނީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ބުނެ ބަޔާނެއް ނެރެފައެވެ.

އެކަމަށް މައާފަށް އެދޭކަމަށް އެންސްޕާއިން ރޭ ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.