ފުވައްމުލަކު ސިޓީ ”ޝިވާ“ ގޭގައި ރޯވި އަލިފާން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ފުވައްމުލަކު ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވެ ނިއްވާލައިފިއެވެ.
އެމްއެންޑީއެފުން ބުނީ މި ހާދިސާގެ ރިޕޯޓް ރޭ 22:05 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ފުވައްމުލަކު ފަޔަރ ސްޓޭޝަނަށް ލިބުމާއެކު، އެ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.
މިގޮތުން، ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ ރޭ 22:40 ހާއިރު ކަމަށް މައުލޫމާތު ދީފައިވެއެވެ.
މި ހާދިސާގައި އަލިފާން ރޯވެފައިވަނީ އެ ގޭގެ ކޮޓަރިއެއްގެ ތެރޭގައި ހުރި ބަންކު ބެޑެއްގެ މަތީގައި އަޅާފައި އޮތް ގޮދަޑިއެއްގައެވެ.
އެމްއެންޑީއެފުން ބުނީ، ހާދިސާ ހިނގި ވަގުތު އެ ކޮޓަރީ ތެރޭ ކުޑަ ދެ ކުދީން ތިބި ނަމަވެސް، އަލިފާނުގެ ސަބަބުން އެއްވެސް އަނިޔާއެއް އެކުދީންނަށް ލިބުނު ކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށެވެ.

