ޑިމޮކްރެސީ ހަރުދަނާ ކުރުމުގައި މިފަހުގެ ތާރީޚުގައި ރާއްޖޭގައި އެޅުނު އެންމެ މުހިންމު އެއް ފިޔަވަޅަކީ، ލޯކަލް ކައުންސިލްތަކުގެ ދައުރު ފުޅާކޮށް، އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ތަރައްގީގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމުގެ މަގްސަދުގައި، ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުތައް ކަމަށް ރައީސް އިބްރާހީމް މުހަަައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިއަހަރުގެ ބައިނަލްއަޤްވަމީ ޑިމޮކްރަސީ ދުވަހުގެ މުނާސަބާގައި ދިވެހި ރައްޔިތުންނަށް ތަހުނިޔާއާ ހެޔޮއެދުންތައް ފޮނުއްވައި ދެއްވި ހިތޯބުގައެވެ.
ރައީސް ސޯލިހު ވިދާޅުވީ ލާމަރުކަޒީ ނިޒާމަށް ގެންނެވި ބަދަލުތަކުގެ ސަބަބުން، އެ ނިޒާމު އިތުރަށް ހަރުދަނާވެ، ރައްޔިތުންގެ އެތައް ޙައްޤުތަކެއް އިތުރަށް ކަށަވަރުކުރެވިފައިވާކަމުގައެވެ.
ހަމަ އެހެންމެ، ދަޢުލަތް ހިންގުމުގެ ނިޒާމު ހަރުދަނާ ކުރުމުގައި، ރައްޔިތުންގެ ބަސް އިއްވުމުގެ ފުރުސަތު ކުރިއަށްވުރެ ބޮޑަށް ތަނަވަސްވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަދި ރައްޔިތުން ބާރުވެރިކުރުވައި ރައްޔިތުންނަށް ބާރުތައް ދިނުމުގައި މިންތީގެ ތަފާތުތައް އެއްފަރާތްކޮށް، ހަމަހަމަ ފުރުސަތު ހޯދައިދިނުމަށާއި އަންހެނުން ބާރުވެރިކުރުމަށް، ގާނޫނުތަކަށް މިހާރުވެސް ގިނަ ބަދަލުތަކެއް ގެންނަވާފައިވާކަމަށް ވިދާޅުވިއެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި އެހެން ޤައުމުތަކެކޭ އެއްފަދައިން ތިމާވެށީގެ މައްސަލަތަކާއި ޓެރަރިޒަމްފަދަ މައްސަލަތަކަކީ ރާއްޖޭގެ ޑިމޮކްރަސީއަށްވެސް ކުރިމަތިވެފައިވާ ގޮންޖެހުންތަކެއް ކަމަށާއި މިފަދަ ކޮންމެ ކަމަކުން ރާއްޖެ ރައްކާތެރިކޮށް ހިމާޔަތްކުރުމަކީ، މުޅި ދަޢުލަތް ހިމެނޭހެން އަދި ފަރުދީ، ޖަމާއީ ފެންވަރުގައި ބައިވެރިވެގެން އަދާކުރަންޖެހޭ، ޒިންމާއެއްކަން ފާހަގަކުރެއްވިއެވެ.
