މާދަމާއިން ފެށިގެން މަސްވެރިންނަށް 48 ގަޑިއިރު ތެރޭގައި ކިރާ މަހަށް ފައިސާ ލިބިގެން ދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ މާލެ އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކ. ގާފަރަށް ވަޑައިގެން ރަށުގެ ރައްޔިތުންނާއި ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.

އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، މަސްވެރިކަމަކީ ރާއްޖޭގެ އިގްތިސޯދުގެ އެންމެ މުހިންމު ސިނާއަތް ކަަމަށެވެ.

ދިވެހިންނަށް ވީތީ ދިވެހިން ކަމުގެ އެންމެ ފަހުރުވެރި ސިނާއަތަކީ ޒަމާނުއްސުރެ، މަސްވެރިކަން ކަމަށެވެ.

އެހެންކަމުން އެ ސިނާއަތް ކުރިއެރުމަށް މި ސަރުކާރުން ވަރަށް އިސްކަމެއްދޭ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މަސްވެރިންގެ އަޑު އަހައިގެން ކަންކަން ރަނގަޅުކުރުމަށް މަސައްކަތް ދަނީ ކުރަމުން ކަމަށް ރައީސް ވިދާޅުވިއެވެ.

 

ކ.ގާފަރުގައި ބޭއްވި ޖަލްސާގެ ތެރެއިން

 

”އަޅުގަނޑުމެންނާއި ހަވާލުވިއިރު މަސްވެރި ސިނާއަތް އޮތީ ވަރަށް ހާލުގައި. 250 އެއްހާ މިލިއަންގެ ބެކްލޮގްގައި އޮތް. އެ ފައިސާ ވެސް ދީ މިއަދާއި ހަމައަށް އައިއިރު 100 މިލިއަނަށްވުރެ ގިނަ ރުފިޔާ ތެލުގެ ސަބްސިޑީގެ އަގާއިއެކުގައި ހިމަނައިގެން ލަހުން ވިޔަސް ދީފައިވަނީ. އެކަމު އެއީއެއްނޫން އަޅުގަނޑުގެ ވައުދަކީ. އަޅުގަނޑު ވައުދުވީ 48 ގަޑިިއިރުގެ ތެރޭގައި ފައިސާ ދިނުމަށް. ނަމަވެސް އަޅުގަނޑުމެންނަށް ހަވާލުވިއިރު އޮތް ގޮތުން ވެރިކަން ފެށިގެން ދެވަނަ ދުވަހު އެކަން ކުރުމަކީ ކުރެވޭނެ ކަމަކަށް ނުވި. މާނައަކީ ވަގުތުތަކެއް ނަގައޭ އެ ހިސާބަށް ދާން. ފުރަތަމަ މަސައްކަތް ކުރީ މިފްކޯ ރިފޯމްކުރުމުގެ މަސައްކަތް. ވަރަށް ގިނަ މަސައްކަތް ކުރަން އަދި ކުރަން ޖެހޭ. އެކަހަލަ ބައިވަރު ކަންކަން ކުރުމާއިއެކުގައި މަސްވެރިކަމުގެ ސިނާއަތް ހަމަޔަކަށް އެޅުމަށް ވަރަށް ފަރުވާތެރިކަމާއިއެކު މިއަދާއި ހަމައަށް އައީ. އެއީ ހަގީގަތުގައި މިއަދާއި ހަމައަށް އައިއިރު ފައިސާ ދެވުނު ނަމަވެސް އެ ވައުދު ފުށްދުމުގެ އަމަލީ މަސައްކަތް ނުފެށި އޮތް ސަބަބަކީ.“ ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ދިމާވާ ގޮންޖެހުންތައް ވަރަށް ގިނަ ކަމުގައި ވިޔަސް، މަސްވެރިކަމުގެ ސިނާއަތް ނަގާ ކޮޅަށް ޖަހައި ފުޅާކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ރައްޔިތުންގެ އަޑުއަހައިގެން ކުރިއަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.